މިމަހުގެ 18 ވަނަ ދުވަހު ބެލަރޫސް އިން ރާއްޖެއަށް އައުމަށް މިންސްކް އެއަރޕޯޓަށް ދިޔުމުން ނުފުރުނު 26 ކުދިންނަށް ފުރޭ ގަތް ހަމަޖައްސައިފިއެވެ.
ފޮރިންގ މިނިސްޓްރީއިން ވިދާޅުވީ، ދަރިވަރުންނަށް ދިމާވި މައްސަލަ ބެލަރޫސް ސަރުކާރާއި، ބެލާވިއާ އެއަރލައިން އަދި ގަތަރު އެއަރވޭސް އާއިއެކު ޖަރުމަންވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ފޮރން މިނިސްޓްރީއިން ވާހަކަ ދައްކައި، މަޝްވަރާކޮށްގެން މިހާރު ހައްލުކުރެވިފައިވާކަމަށެވެ.
މިނިސްޓްރީއިން ވިދާޅުވީ، ބެލަރޫސްގައި ތިބޭ ދިވެހި ދަރިވަރުންނަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދެނީ އެގައުމާ އެންމެ ކައީރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަންވިލާތުގައި ހުންނަ އެމްބަސީ އިންކަމަށާއި، އެގޮތުން 3 ކުއްޖަކު މިންސްކް – އިސްތަންބޫލް – ދޯހާ - މާލެ މަގުން ރޭ ފުރާފައިވާއިރު، 6 ކުއްޖަކު މިންސްކް – މިލާން – ދޯހާ – މާލެ މަގުން މިއަދު ފުރައިފިކަމަށެވެ.
އަދި 5 ކުއްޖަކު މިންސްކް – އެންސްޓަޑަމް – ދޯހާ – މާލެ މަގުން މިއަދު ފުރާފައިވާއިރު 6 ކުއްޖަކު މިންސްކް – އިސްތަންބޫލް – ދޯހާ – މާލެ މަގުން މާދަމާ ފުރާނެކަމަށްވެސް އެމިނިސްޓްރީއިން ވިދާޅުވިއެވެ.
މީގެއިތުރުން އެމިނިސްޓްރީއިން ވިދާޅުވީ، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު އަދިވެސް އެއްކޮށް ހަމަޔަކަށް ނޭޅޭތީއާއި، ގިނަ ޤައުމުތަކެއްގެ ބޯޑަރު އަދިވެސް އެއްކޮށް ހުޅުވާލާފައި ނުވާތީ، އަދި ވިސާގެ ބައެއް އެރޭންޖްމަންޓްސްތަކަށް ބަދަލުތައް އައިސްފައިވާތީ، އަނބުރާ ރާއްޖެއަށް ދަތުރުކުރައްވާ ދިވެހިންނާއި، ފުރައިގެން ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ދިވެހިން އެއަރލައިންތަކާ ގުޅުއްވައިގެން ފްލައިޓް ރޫޓްތަކުން ދަތުރުކުރެވޭނެތޯ ކަށަވަރުކުރެއްވުން މުހިއްމުކަމަށެވެ.
އަދި ދަތުރުގައި ޓްރާންސިޓްކުރާ ގައުމުތަކުގެ ވިސާ ރިކުއަޔަރމަންޓް ޓިކެޓް ނެންގެވުމުގެ ކުރިން ބައްލަވައިގަނެ، ދަތުރުކުރެއްވުމުގެ ކުރިން ޓްރެވަލް އިންޝުއަރެންސް ނެންގެވުން މުހިއްމުކަމުގައިވެސް އެމިނިސްޓްރީއިން ވިދާޅުވިއެވެ.
"ރާއްޖެ ވަޑައިގަތުމުގެ ކުރިން އެޗް.ޕީ.އޭގެ "ހާލުބެލުން ޕޯޓަލް" ގައި ރަޖިސްޓްރީކުރައްވާ - ދަތުރުކުރައްވާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅުއްވައި، ގައިދުރުކަން އިސްކުރައްވާ." ފޮރިންގ މިނިސްޓްރީއިން ވިދާޅުވިއެވެ.