ކޮވިޑް-19 އިން ރައްކާތެރިކަން ހޯދައިދޭ ވެކްސިން ހެދުމުގައި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއިން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
މިގޮތުން އެ ޔުނިވާސިޓީއިން ތައްޔާރުކުރި ވެކްސިން ޖެހި މީހުންގެ ތެރެއިން 1،077 މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަހުން ދިފާއު ކޮށްދޭ އެންޓިބޮޑީސް އާއި އަދި ޓީ-ސެލްސް އުފައްދާ ދީފައިވާ ކަމަށް ޔުނިވާސިޓީއިން މައުލޫމާތު ދެއެވެ.
މި ހޯދުންތަކަކީ އުންމީދީ ހޯދުންތަކެއް ނަމަވެސް މި ވެކްސިން އަކީ ކޮވިޑް-19 އިން މުޅިން ރައްކާތެރި ކޮށްދޭނެ ވެކްސިނެއްކަން ނިންމަން އަދި މާ އަވަސްކަމަށް މިދާއިރާގެ ތަޖުރިބާކާރުން މައުލޫމާތު ދެއެވެ. މިހާރު އަންނަނީ މި ވެކްސިންގެ އިތުރު ޓެސްޓުތައް އިންސާނުން ބޭނުން ކޮށްގެން ކުރުމަށް ތައްޔާރު ވަމުންނެނެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ޕުރޮފެސަރ ސާރާ ގިލްބަރޓް ވިދާޅުވެފައިވަނީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަލަށް އުފެއްދި ވެކްސިން އެހީތެރިކަން ފޯރުކޮށްދެވޭނެކަން ކަށަވަރު ކުރުމަށް އަދި އެތައްގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ނަމަވެސް، ވެކްސިންގެ އެންމެ ފުރަތަމަ ނަތީޖާތަކުން އުންމީދު އާވެފައިވާ ކަމަށެވެ.
ވެކްސިންގެ ފުރަތަމަ ޓެސްޓު ބުރުގައި ބޮޑަށް ބަލައިފައިވަނީ މި ވެކްސިނަކީ އިންސާނުންނަށް ދިނުމަށް އެކަށީގެންވާ ވެކްސިނެއް ތޯއެވެ. އެންމެ ފުރަތަމަ ޓެސްޓުތަކުން ވެކްސިން އިން ކޮވިޑް-19 އިން ރައްކާތެރިކަން ހޯދައިދޭތޯ ނުވަތަ ކޮވިޑް-19ގެ އަލާމަތްތައް ކުޑަކޮށްދޭތޯ އަދި ކަނޑައެއް ނޭޅޭނެއެވެ.
މި ވެކްސިންގެ ދެވަނަ ބުރުގެ ޓެސްޓު ކުރުމުގައި އިނގިރޭސިވިލާތުން10،000 ވުރެން ގިނަ މީހުން ބައިވެރިވާނެއެވެ. އަދި މި ވެކްސިން ޓެސްޓު ކުރުން އެހެން ގައުމުތަކުގައިވެސް ކުރިއަށް ގެންދިއުމަށްވަނީ ނިންމައިފައެވެ.
މިގޮތުން އެމެރިކާއިން 30،000 މީހުންނާއި، ދެކުނު އެފްރިކާއިން 2،000 މީހުންނާއި، އަދި ބުރެޒިލުން 5،000 މީހުން މި ވެކްސިނަށް ޓެސްޓު ކުރުމަށްވަނީ ހަމަޖައްސައިފައެވެ.
ކޮވިޑް-19 އަށް މުޅި ދުނިޔެއިން މިހާތަނަށްވަނީ 14,748,688 މީހުން ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 610,805 މީހުންވަނީ މަރުވެފައެވެ.