ޖުޑީޝަލް ސަރިވިސް ކޮމިޝަން (ޖޭއެސްސީ) ގައި ސިޔާސީ މީހުންބައި ނުތިއްބަން ސަރުކާރުން ވީ ވަޢުދު އޮޅާލީ ކީއްވެގެންކަން ރައްޔިތުން ވިސްނަން ވެއްޖެކަމުގައި ކުރީގެ މެންބަރު އަދި މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ތިއްބެވި ސިޔާސީ ފަރާތްތަކަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެ ކޮމިޝަންގެ ރައީސް ޙިސާން ޙުސައިން އާއި، ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީއާއި، ކޮމިޝަންގެ މެންބަރު ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތު އަށް އިޝާރާތް ކުރައްވައި އަލްހާން ވިދާޅުވެފައި ވަނީ އެ މީހުން ޖުޑިޝަލް ސާރވިސަސް ކޮމިޝަނުގައި ތިބެގެން ހިންގާ ޖަރީމާތައް ތަޙުޤީޤުކުރަންޖެހޭކަމަށެވެ.
"މި ތިން މީހުން ޖުޑިޝަލް ސާރވިސަސް ކޮމިޝަނުގައި ތިބެގެން ހިންގާ ޖަރީމާތައް ތަޙުޤީޤުކުރަންޖެހޭ!" އަލްހާން ވިދާޅުވެފައި ވެއެވެ.
އަލްހާން މިހެން ވިދާޅުވެ ވެރިކަން ކުރާ މައިޕާޓީ އެމްޑީއިން ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި، ތައައްސުބުން އެއްކިބާވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝެއް ޤާއިމް ކުރުމަށް ވެފައިވާ ވަޢުދު ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން މި ވަޢުދުގައި ވިދާޅުވެފައިވަނީ އެމްޑީޕީ އިން ހުށައަޅަނީ ފަނޑިޔާރުންނަށް ފާރަވެރިވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި އެކުލަވާލާ ގޮތަށް ބަދަލުގެނައުން ކަމަށެވެ.
ފަނޑިޔާރުންގެ ޒާތީ މަސްލަހަތާއި، ތައައްސުބުން އެއްކިބާވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝެއް ޤާއިމް ކުރުމަށް ޖޭއެސްސީގެ މެންބަރުން ކަނޑައަޅާއިރު، މަޤާމުގެ ހައިސިއްޔަތުން އައްޔަން ކުރެވޭ ފަރާތްތައް ކޮމިޝަންގައި ނުހިމެނުމަށް އެމްޑީޕީއިން ވަނީ ވަޢުދުވެފައެވެ. އަދި ކޮމިޝަންގައި ހިމެނޭ ހުރިހާ މެންބަރުންނަކީ އާންމު ރައްޔިތުންގެ ތެރެއިން ބަޔަކަށް ވުމާއެކު އެއްވެސް މެންބަރަކީ ވަކި ދާއިރާއަށް ޚާއްސަ ވެފައިވާ މެންބަރަކަށް ވާން ނުޖެހޭނެކަމުގައިވެސް އެ ވަޢުދުގައި ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މެންބަރުންގެ ޝަރުތު ތަކުގެ ތެރޭގައި ޑިގްރީއެއް އޮތުމާއި ކުށުގެ ރެކޯޑެއް ނެތުންފަދަ ޝަރުތުތަކެއް ކަނޑައެޅިފައި އޮންނާނެ ކަމަށްވެސް އެމްޑީޕީ އިން ވަނީ ވިދާޅުވެފައެވެ.
އައްލާޙްގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވާ މެންބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސް ޙިސާން ޙުސައިން އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރެވެ. ޙިސާން އަކީ ތުޅާދޫ ދާއިރާގެ މެންބަރެވެ. ނިސްބަތްވެ ވަޑައިގަންނަވަނީ ވެރިކަން ކުރާ މައިޕާޓި އެމްޑީޕީއަށެވެ.
ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ޙުސްނިއަކީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މެންބަރެވެ. މަސްތޫރު ޖޭއެސްސީގެ ނައިބު ރައީސްކަމަށް އައިސްފައިވަނީ އެ މަޤާމްގައި ހުންނެވި މެންބަރު އިބްރާހީމް ރިޒާ އިތުބާރުނެތްކަމުގެ ވޯޓެއްނަގައި މަޖިލީހުން އޭނާ އެކޮމިޝަނުން ވަކިކުރުމުންނެވެ.
އިބްރާޙީމް ރިފްޢަތު އަކީ ބަންޑާރަ ނައިބުގެ މަޤާމް ފުރުއްވަމުންއަންނަ ބޭފުޅާ ކަމުން މި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ރިފްޢަތު ވަނީ ހިމެނިފައެވެ.





ހިޔާލު
އެމްޑީޕީ އަކީ ޑިމޮކްރަސީގެ ނިވަލުގައި ތިބި ޚުދުމުޚުތާރު ބައިގަނޑެއް ކަން އަލްހާނަކަށް ނޭނގޭބާ…..؟