ޔޫކްރެއިންގެ ބަހެއްގެ ތެރޭ 20 މީހުން ހައިޖެކް ކޮށްފި

ޔޫކްރެއިންގެ ހުޅަނގުގެ ސިޓީއެއް ކަމަށްވާ ލުއިޓްސްކްގައި ހަތިޔާރު އެޅި މީހަކު ބަހެއްގެ ތެރޭ 20 މީހުން ހައިޖެކް ކޮށްފިއެވެ.

ޔޫކްރެއިންގެ ފުލުހުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބަސް ހައިޖެކް ކޮށްފައިވަނީ އުމުރުން 44 އަހަރުގެ ރަޝިޔާއަށް ނިސްބަތްވާ މީހެކެވެ.

މީގެއިތުރުން މިމީހާއަކީ މީގެކުރިންވެސް ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުމާއި އަދި މިނޫންވެސް އެހެނިހެން ކުށްކުށުގައި 10 އަހަރަށްވުރެ ގިނަ ދުވަހަށް ޖަލަށް ލައިފައިވާ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ނަފްސާނީ ބައްޔަށް ފަރުވާ ކޮށްފައިވާ މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ބަހުގެ ތެރޭގައި ތިބި ފަސިންޖަރުންގެ ހާލަތާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާއިރު ބަސް ހައިޖެކް ކޮށްގެން ހުރި މީހާގެ އަތުގައި ގޮވާތަކެތި ހުރި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި އެ ސިޓީގެ އެކި ހިސާބުތަކުގައި ގޮވާތަކެތި ހަރުކޮށްފައިވާނެ ކަމަށްވެސް ހައިޖެކަރ އަންނަނީ ބުނަމުންނެވެ.

ފުލުހުން މިހާރު އަންނަނީ ވާހަކަ ދައްކައިގެން ސުލްހަވެރި ކަމާއެކު މައްސަލަ ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ހައިޖެކް ކުރި މީހާ ބުނަމުންދަނީ ސިޔާސީ އިސްފަރާތްތަކަކީ ޓެރަރިސްޓުން ކަމަށެވެ.

ޔޫކްރެއިން ފުލުހުން މިހާރުވަނީ ލުއިޓްސްކްގެ ސިޓީ ސެންޓަރަށް މީހުންނަށް ނުވަދެވޭގޮތް ހަދައި އަދި އެސިޓީގެ މީހުން ގެއިން ނުނިކުތުމަށް އަންގައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ