ޕާކިސްތާނުގެ ނޫސްވެރިއެއް ކަމަށްވާ މަތިއުﷲ ޖާން ވީނުވީތަނެއް ނޭންގި ގެއްލިއްޖެއެވެ.
މިމައްސަލައިގައި ޕާކިސްތާނުގެ ފުލުހުން ބުނެފައިވަނީ ގެއްލުނު ނޫސްވެރިޔާ އެންމެފަހުން ފެނިފައިވަނީ އެގައުމުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ގަވަރމެންޓް ގާރލްސް ސްކޫލް ކައިރިން ކަމަށެވެ.
މިގޮތުން ނޫސްވެރިޔާ އެ ސްކޫލް ކައިރިއަށް މިއަދު ހެނދުނު ދިޔަކަމަށްވަނީ އެ ސްކޫލްގައި މަސައްކަތްކުރާ އޭނަގެ އަންހެނުން ސްކޫލް މަސައްކަތެއް ކުރުމަށް ސްކޫލަށް ގެންދިއުމަށް ކަމަށާއި ބަލައި އައުމަށް ގުޅުމުން ޚަބަރެއް ނުވުމުން ގެއްލިފައިވާކަން އިނގިފައިވާ ކަމަށް އޭނަގެ އަންހެނުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.
މީގެއިތުރުން ނޫސްވެރިޔާގެ ކާރު ސްކޫލް ކައިރީގައި އޮތްކަމަށާއި ކާރުގެ ތަޅުދަނޑިވެސް ކާރުގައި އޮތްކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި ކާރަށް ބަލާލުމުން ނޫސްވެރިޔާ ގަދަކަމުން ގެންގޮސްފައިވާކަމުގެ ނިޝާންތައް ފެއްނަން ހުރިކަމަށް ނޫސްވެރިޔާގެ އަންހެނުންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައި ވެއެވެ.
މަތިއުﷲ ޖާން ފާހަގަ ކޮށްލެވެނީ ޕާކިސްތާނުގެ އަސްކަރިއްޔާއަށް ވަރަށް ބޮޑަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއަކީ އެގައުމުގައި ބާރުގަދަ ބަޔެކެވެ.
މިމައްސަލައިގައި ފުލުހުން އިތުރަށް ބުނެފައިވަނީ މިހާތަނަށް ލިބުނު މައުލޫމާތުން ނޫސްވެރިޔާ ވަގަށް ނަގައިފައިވާކަމަށް ބެލެވޭ ކަމަށާއި މިހާތަނަށް އަދި އެއްވެސް މީހަކު މިމައްސަލައިގައި ހައްޔަރު ކޮށްފައި ނުވާކަމަށެވެ.
ކޮމެޓީ ޓު ޕުރޮޓެކްޓް ޖާރނަލިސްޓު (ސީޕީޖީ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން 1992 ވަނަ އަހަރުން ފެށިގެން މިހާތަނަށް 61 ވުރެ ގިނަ ނޫސްވެރިންވަނީ އެމީހުންގެ މަސައްކަތާއި ގުޅިގެން ޕާކިސްތާނުގައި މަރާލެވިފައެވެ. ރިޕޯރޓާސް ވިތައުޓް ބޯރޑާސް (އާރުއެސްއެފް)ގެ މިއަހަރުގެ ވޯރްލްޑް ޕުރެސް ފުރީޑަމް އިންޑެކްސްގައި ޕާކިސްތާން އޮތީ 145 ވަނައިގައެވެ.



