ދަރަނބޫދޫ ކައުންސިލްގެ ރައީސް އަލީ މުޙައްމަދު ގެ އިތުބާރުނެތް ކަމުގެ ވޯޓު ނަގައި މަޤާމުން ދުރުކޮށްފި އެވެ.
ދަރަނބޫދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ޒަކީ ވަނީ މިކަން "ފެށުން" އަށް ޔަޤީންކޮށް ދެއްވާފައެވެ.
ކައުންސިލްގެ ނައިބު ރައީސް ޒަކީ "ފެށުން" އަށް ވިދާޅުވީ ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓު ނަގަން ޖެހުނީ ރައީސްގެ ކަންތައްތައް ހުންނަ ގޮތުން ކަމަށެވެ. ޒަކި ވިދާޅުވީ ކައުންސިލް މެންބަރުންނާއި މަސްވަރާ ނުކުރައްވާ ރައީސް އަށް ފެންނަ ގޮތަކަށް އަމިއްލަ އަމިއްލަ އަށް ކަންކަން ކުރައްވަމުން ގެންދަވާތީވެ ކައުންސިލްގެ މެންބަރުންގެ އިތުބާރު ރައީސް އަށް ނެތް ކަމަށެވެ.
އިތުބާރު ގެއްލޭގޮތަށް ރައީސް ކަންތައްތަކެއް ކުރައްވާފައިވާ ކަމަށްވެސް ޒަކީ ވިދާޅުވިއެވެ. އެގޮތުން ކައުންސިލުން ފައިބަރު ކުރުމަށް ބިމެއް ހަމަޖައްސާފައި ހުއްޓައި، ކައުންސިލަށް ނޭނގި ކައުންސިލް ރައީސްގެ އާއިލާ މީހެއްގެ ދޯންޏެއް އެތަނުގައި ބާއްވައިގެން ގާތްގަނޑަކަށް 1 އަހަރު ދުވަސް ވަންދެން ފައިބަރު ކޮށްފައިވާ ކަމަށެވެ.
ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ އެކަމަށްޓަކައި ބޭއްވި ދެވަނަ ބައްދަލުވުމުގައި ކަމަށް ޒަކީ ވިދާޅުވިއެވެ. ފުރަތަމަ ބައްދަލުވުމުގައި ރައީސް އަށް ނަޞޭހަތްތެރިވެ އިސްލާޙު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެވުނު ކަމަށްވެސް ޒަކީ ވިދާޅުވިއެވެ.
ދަރަނބޫދޫ ކައުންސިލަކީ އެމްޑީޕީގެ 3 ކައުންސިލަރުން ހިމެނޭ ކައުންސިލެކެވެ.



