ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާން މަޤާމުން ސަސްޕެންޑް ކޮށްފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާނުގެ މައްޗަށް މިކޮމިޝަނުން ތަޙްޤީޤުކުރަންމުންދާ މައްސަލައަކީ، 2018 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ގއ.ގެމަނަފުއްޓަށް ނުރަސްމީ ދަތުރެއްކޮށް، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް މަސައްކަތްކުރި ކަމަށާއި، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައި ހުރި މީހެއްގެ އާއިލާގެ މީހުންނާ ބައްދަލުކޮށް، އެމީހުންގެ ވޯޓު ލިބިއްޖެ ކަމުގައިވާނަމަ ބަންދުގައި ހުރިމީހާ މިނިވަން ކުރާނެކަމުގެ މަޝްވަރާކޮށްފައިވާކަމަށް ހުށަހެޅިފައިވާ މައްސަލައެއްކަމަށެވެ.
އަދި މިމައްސަލައަކީ މައްސަލައިގެ ތަޙްޤީޤު ނިންމުމަށްފަހު، ތަޙުޤީޤު ރިޕޯޓުގައިވާ ކަންކަމަށް ޖަވާބުދާރީވުމަށް 7 ދުވަހުގެ ފުރުސަތާއެކު 20 ޖުލައި 2020 ވަނަ ދުވަހު ތަޙުޤީޤު ރިޕޯޓު ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާންއާ ޙަވާލުކޮށްފައިވާ މައްސަލައެއްކަމަށްވެސް ޖޭއެސްސީއިން ވިދާޅުވިއެވެ.
އެގޮތުން މިމައްސަލަތަކާއި ގުޅިގެން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 10/2008)ގެ 25 ވަނަ މާއްދާގެ (ބ) އަދި
(ލ)އާ ޙަވާލާދީ، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާން ދުރުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށް އެކޮމިޝަނުންވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން ޖޭއެސްސީއިން ވިދާޅުވީ، ހައިކޯޓު ހިންގުން ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއާއި މިއަދުން ފެށިގެން ޙަވާލުކޮށްފައިވާކަމަށެވެ.
ޖޭއެސްސީއިން މިގޮތަށް ނިންމާފައިވަނީ އެކޮމިޝަނުން މިއަދު ބޭއްވި މިއަހަރުގެ 52 ވަނަ ބައްދަލުވުމުގައެވެ. މީގެއިތުރުން ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު މަޤާމުން ސަސްޕެންޑްކުރަންވެސް މިޖަލްސާގައި ނިންމާފައިވެއެވެ.