މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްވެސް މަޤާމުން ސަސްޕެންޑް ކޮށްފި

ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުވެސް މަޤާމުން ސަސްޕެންޑްކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ، ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ މައްޗަށް ތަޙްޤީޤުކުރަމުން ދާ މައްސަލަތަކަކީ، 2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ ފަރާތުގެ ޤާނޫނީ ވަކީލަކާ ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްރޭޓް އަޙްމަދު ޝުކޫރު، ގއ.ވިލިނގިލީގައި ބައްދަލުކުރިކަމަށް ހުށަހަޅާފައިވާ މައްސަލައާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން، 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި، ގއ.ވިލިނގިލީ ސީނާގޭގައި ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު
ޝުކޫރު ބައިވެ ބައިވެރިވެފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާއި، 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި، ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްފައިވަނިކޮށް، "ދެން ގެނަޔަސް 15 ދުވަސް ޖަހާނެކަމަށް" އެމީހުންނާ ދިމާލަށް ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބުނެފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައާއި، 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި، ގއ.ވިލިނގިލީ ކެފޭއެއްގެ ތެރޭގައި މީހަކާ ދިމާއަށް "އަހަރެމެންކޮޅަށް ވޯޓު ލިބޭނެހޭ" ބުނެ ވަކި ސިޔާސީ ފިކުރަކަށް ތާޢީދުކުރާކަން ފާޅުކޮށްފައިވާކަމަށް ހުށަހަޅާފައިވާ މައްސަލައެއްކަމަށެވެ.

އަދި މި މައްސަލަތަކުގެ ތަޙުޤީޤަށް އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެ ބަޔާން ނަގައި މައްސަލައިގެ ތަޙްޤީޤު ކޮމިޝަނުން ކުރިއަށް ގެންދާކަމަށްވެސް ޖޭއެސްސީއިން ވިދާޅުވިއެވެ.

އެގޮތުން މިމައްސަލަތަކާއި ގުޅިގެން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ޤާނޫނު (ޤާނޫނު ނަންބަރު 10/2008)ގެ 25 ވަނަ މާއްދާގެ (ބ) އަދި
(ލ)އާ ޙަވާލާދީ، ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް ފަނޑިޔާރުކަމުގެ މަސައްކަތުން އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ދުރުކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށް އެކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

ޖޭއެސްސީއިން މިގޮތަށް ނިންމާފައިވަނީ އެކޮމިޝަނުން މިއަދު ބޭއްވި މިއަހަރުގެ 52 ވަނަ ބައްދަލުވުމުގައެވެ. މީގެއިތުރުން ހައިކޯޓުގެ އިސްފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާން މަޤާމުން ސަސްޕެންޑްކުރަންވެސް މިޖަލްސާގައި ނިންމާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ