ޕާކިސްތާނުގެ އަސްކަރިއްޔާ އަށާއި އަދި ފަނޑިޔާރުންނަށް ފާޑުކިޔުމުގެ ސަބަބުން ގިނަ ބަޔެއްގެ ސަމާލުކަމަށް އައިސްފައިވާ ނޫސްވެރިޔާ މަތިއުﷲ ޖާން ވީނުވީތަނެއް ނޭންގި ގެއްލުމަށްފަހު އޭނާ ފެނިއްޖެއެވެ.
މަތިއުﷲ ޖާން ގެއްލިފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތުގައި އިސްލާމްއާބާދުގައި ހުންނަ ގަވަރމެންޓް ގާރލްސް ސްކޫލް އަށް އަންހެނުން ލުމަށްޓަކައި ދިޔަފަހުންނެވެ. މިގޮތުން ގެއްލިފައިވަނީ އިއްޔެގެ ހެނދުނު 10:00 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.
މަތިއުﷲ ޖާން ފެނިފައިވަނީ މިއަދު އިސްލާމްއާބާދުގެ ރައްބޭރު ސަރަހައްދުންނެވެ. މީގެ ކުރިންވެސް ވަގަށް ނަގައިފައިވާ ކަމަށް ބެލެވުނު ނޫސްވެރިޔާ ފެނިފައިވަނީ ނޫސްވެރިޔާ ވަގަށްނެގި މީހުން ނޫސްވެރިޔާގެ ބޭބެޔަށް ގުޅައި އޭނާ ހުރިތަން ބުނެ ބަލައި އައުމަށް އެދުމުންނެވެ.
ނޫސްވެރިޔާ ވަގަށް ނެގި މީހުންގެ މައުލޫމާތު އަދި އެއްވެސް މިންވަރަކަށް ނޭންގޭއިރު މިކަމުގެ ފަހަތުގައިވަނީ ޕާކިސްތާނުގެ ސީކްރެޓް ސާރވިސް ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ. މަތިއުﷲ ޖާން ބުނެފައިވަނީ ވަގަށް ނެގި މީހުން އޭނާ އެއްތަނުން އަނެއް ތަނަށް ގެންގޮސްފައިވަނީ ކަނު ބަނދެގެން ކަމަށެވެ.
މަތިއުﷲ ޖާން ވަގަށް ނަގައިފައިވަނީ މިއަދު އޭނާ އާއި ގުޅޭގޮތުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނިކޮށެވެ. މިމައްސަލައަކީ ކޯޓުގެ ހުކުމެއް ބަލައި ނުގަނެ ފާޑުކިޔުމާއި ގުޅިގެން އުފުލައިފައިވާ މައްސަލައެކެވެ.
ކޮމެޓީ ޓު ޕުރޮޓެކްޓް ޖާރނަލިސްޓު (ސީޕީޖީ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން 1992 ވަނަ އަހަރުން ފެށިގެން މިހާތަނަށް 61 ވުރެ ގިނަ ނޫސްވެރިންވަނީ އެމީހުންގެ މަސައްކަތާއި ގުޅިގެން ޕާކިސްތާނުގައި މަރާލެވިފައެވެ. ރިޕޯރޓާސް ވިތައުޓް ބޯރޑާސް (އާރުއެސްއެފް)ގެ މިއަހަރުގެ ވޯރްލްޑް ޕުރެސް ފުރީޑަމް އިންޑެކްސްގައި ޕާކިސްތާން އޮތީ 145 ވަނައިގައެވެ.



