މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކަންޔޭ ވެސްޓް އޭނާގެ އަންހެނުން، “ކީޕިން އަޕް ވިތް ކާޑޭޝިއަންސް” ގެ މަޝްހޫރު އެމެރިކަން ސެލެބްރިޓީ ކިމް ކާޑޭޝިއަން ވަރިކުރަން މަސައްކަތް ކުރާކަމުގައި ބުނެފިއެވެ.
ކަންޔޭ ވެސްޓް ބުނެފައިވަނީ އޭނާ ކިމް ވަަރިކުރަން 2018 އިން ފެށިގެން މަސައްކަތް ކުރާ ކަމުގައެވެ. އެގޮތުން ކަންޔޭ މިއަދު ވަނީ އެނާގެ 4 ދަރިންގެ މަންމަ ކަމަށްވާ ކިމް އާއި ވަކިވާން ފާއިތުވެދިޔަ 2 އަހަރު މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ޓްވީޓް ތަކެއް ކޮށްފައެވެ. ނަމަވެސް މި ޓްވީޓްތައް ވަނީ މިހާރު ޑިލީޓް ކޮށްފައެވެ.
މި ޓްވީޓްތަކުގައި އޭނާ ވަނީ ކިމް، މަޝްހޫރު ރެޕާ މީކް މިލް އާއި ބައްދަލު ކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި އޭނާ ބުނެފައިވާގޮތުން ކިމް އާއި މީކް ބައްދަލުކޮށްފައިވަނީ ހޮޓަލެއްގައެވެ. ކަންޔޭ ކޮށްފައިވާ ޓްވީޓް ތަކުގައި މީކް އަށް ވަރަށް އެއްޗެހި ކިޔައި އަދި ކާންޔޭ އަކީ 5 މިލިއަން ޑޮލާރ އަށް ވުރެއް އަގު ބޮޑު ލަވަކިޔުންތެރިއެއް ކަމުގައި ބުނެފައިވެއެވެ.
ކާންޔޭގެ ޓްވީޓެއްގައި ބުނެފައިވަނީ، މި އަހަރު ސެޕްޓެމްބަރު މަހު 3 ގައި ބާއްވާ ރިޔާސީ އިންތިހާބްގައި ވާދަނުކުރައްވައި، 2024 ވަނަ އަހަރު ރައީސް ކަމަށް ވާދަކުރެއްވުމަށް ވިސްނާ ކަމަށެވެ. ކާންޔޭ އެމެރިކާގެ ރައީސްކަމަށް ވާދަ ކުރާނެކަން ހާމަކުރައްވައިފައިވަނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.
ބައެއް ރިޕޯޓްތަކުން ބުުނާ ގޮތުގައި ކާންޔޭގެ އެންމެ ގާތްމީހުން އޭނާއާ ދޭތެރޭ ވަރަށް ކަންބޮޑުވެއެވެ. ސަބަބަކީ އޭނާ އަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހަކަށް ވާތީއެވެ. އެގޮތުން ދާދި ފަހުން އޭނާ އެމެރިކާގެ ރައީސްކަމަށް ކުރިމަތިލުމަށް ބޭއްވި ކެމްޕެއިން ރެލީގައި އޭނާ ރޮއެފައިވުމާއި އަދި ދާދި ފަހުން ކިމް އެދެމީހުންގެ ފުރަތަމަ ދަރި ނޯތް ވެސްޓް އެބޯޓް ކޮށްލަން މަސައްކަތްކޮށްފައިވާ ކަމުގެ ތުހުމަތު ކޮށްފައިވެއެވެ. އަދި އޭނާގެ ހަޔާތް ބިރުވެރި ފިލްމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކިމް އާއި ކާންޔޭގެ ކައިވެންޏަށް 4 އަންހެންދަރިން ލިބިފައިވެއެވެ. އެއީ އެންމެ ހަގު ދަރިފުޅު ދިހަ މަހުގެ ސައުމް އާއި، ހަތަރު އަހަރުގެ ސެއިންޓް، ދެ އަހަރުގެ ޗިކާގޯ، އަދި ދޮށީ ދަރިފުޅު 6 އަހަރުގެ ނޯތްއެވެ.
ކިމް މީގެ ކުރިން ދެ ކައިވެންޏެއްކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ ކައިވެނި ކުރީ މިޔުޒިކް ޕްރޮޑިއުސަރު ޑޭމަން ތޯމަސް އާއެވެ. އަދި އޭނާ ދެވަނައަށް ކައިވެނިކޮށްފައިވަނީ، މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ކްރިސް ހަމްފްރީސް އާއެވެ.




