2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން، ރިޒާ އެންޑް ކޯ އިން އެކަން ކުއްވެރިކޮށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުވައިފިއެވެ.
ރިޒާ އެންޑް ކޯ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެ ފާރމުގެ މުވައްކިލު ކަމަށްވާ ޕޯލިން ޑުޓާ ގެޝޮރޯ، 26 ޖޫން 2020 ވަނަ ތާރީޚްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާ ނުވަތަ ރޭޕްކުރަން އުޅުމުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށް ދާ ދަނޑިވަޅެއްގައި، މި މައްސަލައާ ގުޅޭ ގޮތުން ސަފާރީގައި ހިނގީ ވަރަށްވެސް ކުޑަކަމެއް ކަމަށް ބަޔާންކުރައްވައި، ޒިންމާދާރުކަން ކުޑަ ގޮތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުވެހުންނެވި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން ޢަބްދުﷲ ޢާންމުކޮށް ދެއްކެވިކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވާ ވާހަކަ ކުއްވެރިކުރާ ކަމަށެވެ.
"މި މައްސަލައިގެ ތަޙުޤީޤަށް މި ފާރމުގެ މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައިވެސް، އެފަރާތް މަރާލާނެ ކަމަށް ބިރުދައްކައި، އެފަރާތުގެ ޖިންސީ ގުނަވަނުގައި ދަމައި ހިފައިގަނެ، އެފަރާތަށް ޖިންސީ އަނިޔާކުރި ފަރާތުގެ ޖިންސީ ގުނަވަނުގައި ހިފުމަށް އަންގައި، ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައިވާކަން ހާމަވާން އޮތް އިރު، މި ޙާދިސާއަކީ، "އާންމު ޕަބްލިކް ތަނެއްގައިވެސް ހުރެފައިވެސް ބަޔެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއް" ކަމާއި، "އަދި ކުރީމަ ކަމެއް ކުރިކަންވެސް ނެނގޭ ވަރުގެ ކަމެއް ހިނގާފައި އޮތީ" ކަމަށް މި މައްސަލަ ތަޙުޤީޤުކުރާ އިދާރާއާ ޙަވާލުވެ ހުންނެވި ވަޒީރު ވިދާޅުވުމުން، ހަމަ ގައިމުވެސް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން ޢަބްދުﷲ މިހެން ވިދާޅުވެފައި އެވަނީ، މި މައްސަލައިގެ ތަޙުޤީޤަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަން ފާހަގަކުރަން." ރިޒާ އެންޑް ކޯ އިން ވިދާޅުވިއެވެ.
ޒާ އެންޑް ކޯ އިން ވިދާޅުވީ، މިފަދަ ޙައްޞާޞް މައްސަލައެއްގައި، އެއްވެސް ކަމަކަށްނުވާ މޭރުމުން ޝެއިޚް އިމްރާން ޢަބްދުﷲ ވާހަކަދައްކަވާފައިވާތީ، ތަޙުޤީޤު އިދާރާއާ ޙަވާލުވެ ހުންނަ ވަޒީރުގެ މަޤާމުގެ ޒިންމާއަކީ ކުށް މަދުކުރުމާއި، ކުށުގެ އަނިޔާ ލިބޭ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކުރުން ކަން މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން ޢަބްދުﷲ އަށް އެއްވެސް މިންވަރަކަށް ފަހުމްވެވަޑައިނުގަންނަވާކަން އަޅުގަނޑުމެން ގަބާލުކުރާކަމުގައެވެ.
"މި މައްސަލައިގެ ތަޙުޤީޤު އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާއެކު ކުރިއަށް ނުދާތީ، އެކަމުގެ ޝަކުވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި، ޕޮރޮސިކިއުޓަރ ޖެނެރަލަށާއި އަދި ކޮމިޝަނަރ އޮފް ޕޮލިސްއަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި، އަދި މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަވެފައިނުވާ ދަނޑިވަޅެއްގައި، ޖިންސީ އަނިޔާގެ މިފަދަ ބޮޑު ޢަމަލެއް ހިމެނޭ މައްސަލައެއް އެއީ ކުޑަކަމެއްގެ ގޮތުގައި ވިދާޅުވެ، ޢާންމުންނަށް ޙަޤީޤަތް އޮޅޭގޮތަށް، އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ކުށުގެ ޒިންމާއިން ބަރީޢަވާގޮތަށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން ޢަބްދުﷲ ވާހަކަދައްކަވާފައިވާތީ، މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމަށް ޝެއިޚް އިމްރާން ޢަބްދުﷲ ގެ ޤާބިލުކަމާމެދު ސުވާލުއުފައްދާ މަގާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭނެކަމުގެ އިތުބާރެއް ނެތްކަން އަޅުގަނޑުމެން ފާހަގަކުރަން." ރިޒާ އެންޑް ކޯ އިން ވިދާޅުވިއެވެ.
މި މައްސަލައިގެ ތަޙުޤީޤުކުރިއަށްދާ ގޮތުގެ ގިނަ ކަންބޮޑުވުންތަކެއްގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވަނިކޮށް، މި މައްސަލަ ތަޙުޤީޤުކުރާ އިދާރާއާ ޙަވާލުވެހުންނެވި ވަޒީރު މިފަދައިން ވާހަކަދައްކަވާފައިވާތީ، އިންޞާފުވެރިކަމާއި ޢަދުލުވެރިކަމާއެކު މި މައްސަލަ ތަޙުޤީޤުކުރެވޭނޭކަމުގެ އެއްވެސް ޔަޤީންކަމެއް މިހާރު ނެތްކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ވިދާޅުވިއެވެ.




ހިޔާލު
Fahari gayah erumakeeves varah kuda kameh kamah balaigen dhoa ekan kuree