މާދަމާ ރައީސް ޤައުމާ މުޚާތަބް ކުރައްވާނެ

ދިވެހިރާއްޖޭގެ 55ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާދަމާ ޤައުމާއި މުޚާތަބް ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބް ކުރެއްވުން މާދަމާ ހެނދުނު 10:00ގައި ހަމަޖެހިފައިވާއިރު، މިނިވަން ދުވަހުގެ މުނާސަބާގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި މާދަމާ ހެނދުނު 06:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންނަމަވެސް ރަސްމީކޮށް ދިދަނެގުމުގެ ރަސްމިއްޔާތު އޮންނާނީ މާލޭގައި، ޖުމްހޫރީ މައިދާނުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ދިދަނެގުމުގެ ރަސްމިއްޔާތުގައި ޚައްސަ ދުޢާއެއްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރަށްރަށުގައި ބާއްވާ ދިދަނެގުމުގެ ރަސްމިއްޔާތުގައި އެ ރަށެއްގެ ސަރުކާރުގެ އޮފީސްތަކާއި އާއްމުންނަށްވެސް ބައިވެރިވެވޭނެއެވެ.

މިނިވަން ދުވަސް އެހެން އަހަރުތަކުގައި ކުލަގަދަކޮށް ފާހަގަކުރިނަމަވެސް، މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް އިތުރު ހަރަކާތްތައް ނުބޭއްވުމަށް ހޯމް މިނިސްޓްރީންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމަވާފައިވަނީ ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.

ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 26ވަނަ ދުވަސް ފާހަގަކުރަނީ އިންގިރޭސީންގެ އަތްދަށުން ދިވެހި ޤައުމަށް މިނިވަންކަން ލިބުނު ދުވަހުގެ އުފާވެރި މުނާސަބަތުގައެވެ. އިނގިރޭސީންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ