ޖަރުމަނުގެ ހުޅަނގު އުތުރު ސިޓީއެއް ކަމަށްވާ ވީޒަލްގެ ގެޔެއްގެ މައްޗަށް މައިކްރޯ ލައިޓް މަތިންދާ ބޯޓެއް ވެއްޓި ތިން މީހުން މަރުވެއްޖެއެވެ.
މިހާދިސާގައި މަރުވި ތިން މީހުންގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކުން އަދި ހާމަކޮށްފައި ނުވާއިރު މަރުވި ތިން މީހުންނަކީވެސް ބޮޑެތި މީހުން ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިހާދިސާ އާއި ގުޅިގެން ކުޑަ ކުއްޖަކަށްވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.
މީސްމީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި، މިހާދިސާގެ ސަބަބުން ގެޔެއްގެ ފުރާޅުގައިވަނީ އަލިފާން ރޯވެފައެވެ. ނަމަވެސް މިހާރު އެ އަލިފާންގަނޑު ނިއްވާލައިފައިވާއިރު ކުއްލި ހާލަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެސަރަހައްދުގައި ދަނީ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެކްސިޑެންޓުވި މަތިންދާ ބޯޓު އުދުއްސައިލައިފައިވަނީ މާރލް ޓައުނުގެ މާރލް އެއާފީލްޑުންނެވެ. އަދި މި ބޯޓުން ދަތުރު ކޮށްފައިވަނީ ދެމީހުން ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހަށް ރިޕޯޓުކޮށްފައިވަނީ ޖަރުމަނު ގަޑިން 14:42 ހާއިރު ކަމަށާއި މަރުވި ތިން މީހުންވެސް ފެނިފައިވަނީ ގޭގެ ތެރެއިން ކަމަށެވެ.
މަންޒަރުދުށް ފަރާތްތަކާއި ހަވާލާދީ ޖަރުމަނުގެ ނޫސްތަކުގައި ބުނެފައިވަނީ ބޯޓު ގޭގެ މައްޗަށް ވެއްޓުމާއެކު ވަރަށް ބޮޑު ގޮވުމެއް ގޮވައި އަލިފާންގަނޑު ފެއްނަން ހުރި ކަމަށެވެ.



