މެލޭޝިއާއިން ބިދޭސީ މަސައްކަތްތެރިންނާމެދު އަމަލުކުރާ ގޮތަށް ފާޑުކީ ބަންގުލަދޭޝް މީހާ ހައްޔަރުކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މެލޭޝިއާ ސަރުކާރުން އެގައުމުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއިމެދު އަމަލުކުރަމުންދާ ގޮތަށް ޓީވީގައި ފާޑުކީ ބަންގުލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެފިއެވެ.

އަލް ޖަޒީރާއިން ގެނެސްދިން ޑޮކިއުމެންޓުރީއެއްގައި ވާހަކަ ދައްކަމުން ބަންގުލަދޭޝް އަށް ނިސްބަތްވާ ރޭހާން ކާބިރް ބުނެފައިވަނީ، މެލޭޝިއާ ސަރުކާރުން އެގައުމުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތްތަކާއިމެދު ތަފާތުކުރުންތައް ގެންގުޅެމުންދާ ކަމަށާއި މިގޮތުން މިފަދަ ފަރާތްތައް ހައްޔަރުކޮށް ޖަލަށް ލަމުންދާ ކަމަށެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ މެލޭޝިޔާ ސަރުކާރުން އެގައުމުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއިމެދު އަމަލު ކުރަމުންދަނީ އިންސާނިއްޔަތާއި ހިލާފު ގޮތަކަށް ކަމަށެވެ. ނަމަވެސް، މެލޭޝިޔާ ސަރުކާރުން ބުނެފައިވަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ފަރާތްތައް ހައްޔަރު ކުރަމުންދަނީ އެގައުމުގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެކްޓިވިސްޓުން ބުނެފައިވަނީ މެލޭޝިއާ ސަރުކާރުން ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަދި ރޯހިންގާ ރެފިއުޖީންވެސް ހިމެނޭ ކަމަށެވެ. މެލޭޝިއާ ސަރުކާރުން އެގައުމުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ގިނަ ބަޔަކު ހައްޔަރު ކޮށްފައިވަނީ އެގައުމުގައި އިއުލާންކުރި ފުރަބަންދުގެ މުއްދަތުގެ ތެރޭގައެވެ.

އަލް ޖަޒީރާއިން، "ލޮކްޑް އަޕް އިން މެލޭޝިއާ ލޮކްޑައުން"ގެ ނަމުގައި މިމަހުގެ ތިންވަނަ ދުވަހު ދެއްކި ޑޮކިއުމެންޓުރީ އަކާއި ގުޅިގެން މެލޭޝިއާ ފުލުހުންވަނީ ރޭހާން ކާބިރް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައެވެ. އަދި އިއްޔެ މެލޭޝިއާ ފުލުހުންވަނީ ރޭހާން ކާބިރް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މައުލޫމާތު ލިބޭގޮތުގައި ރޭހާން ކާބިރް ދެން ދުވަހަކުވެސް މެލޭޝިއާއަށް ނޭރޭނެ ގޮތައް ޑިޕޯޓް ކުރުމަށް މެލޭޝިއާ ސަރުކާރުން މިހާރުވަނީ ނިންމައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ