ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް މެލޭޝިއާ ސަރުކާރުން އަޅައިފައިވާ ފިޔަވަޅުތަކާއިމެދު ހިތްހަމަ ނުޖެހި މަގުތައްމައްޗަށް އެތައްސަތޭކަ ބަޔަކު ނިކުމެ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައިފިއެވެ.
މާސްކް އަޅައި، ގައިދުރުކަމާއެކު، ކަޅު ދިދަ ހިފައިގެން މަގުތައްމަށް ނިކުތް ފަރާތްތައްވަނީ ސަރުކާރުން ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް ފެއިލްވެފައިވާކަމަށް ބުނެ ބޮޑުވަޒީރު މުހިއްޔުއްދީން ޔާސީންގެ އިސްތިއުފާއަށް ގޮވާލައިފައެވެ.
މިއީ މިފަހުގެ ތާރީހެއްގައި މެލޭޝިއާގައި މިފަދަ މުޒާހަރާއެއް ބޭއްވި ފުރަތަމަ ފަހަރެވެ. ކޮވިޑް-19ގެ ބިރުވެރިކަމާ އަދި ބަލިފެތުރުން ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކާއި ގުޅިގެން މުޒާހަރާކުރުންފަދަ މީހުން ގިނައަދަދަކަށް އެއްވެ ކަންތައްތައްކުރުންވަނީ ހުއްޓިފައެވެ.

މުޒާހަރާ ކޮންޓުރޯލް ކުރުމަށް ގިނަ އަދަދެއްގެ ފުލުހުންވަނީ މުޒާހަރާކުރާ ސަރަހައްދަށް ޖަމާވެފައެވެ. މުޒާހަރާގެ ބައިވެރިން ސެންޓްރަލް ސްކެއާއަށް ވަނުމަށްކުރި މަސައްކަތް ފުލުހުންވަނީ ހުއްޓުވައިފައެވެ. މުޒާހަރާވަނީ ސުލްހަވެރިކަމާއެކު ނިންމާލައިފައެވެ.
މުޒާހަރާ އިންތިޒާމްކުރި ފަރާތްތަކުން ބުނެފައިވަނީ، މުޒާހަރާގެ ބައިވެރިންގެ އަދަދު ހާހަަކަށް އަރާނެ ކަމަށެވެ. ނަމަވެސް ފުލުހުން ބުނީ މުޒާހަރާގައި ބައިވެރިވެފައިވަނީ 400 އެއްހާ މީހުން ކަމަށެވެ. ފުލުހުން އިތުރަށް ބުނީ، މުޒާހަރާގައި ބައިވެރިވި ފަރާތްތައް ސުވާލު ކުރުމަށް ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރުކުރާނެ ކަމަށެވެ. ސަބަބެއްކަމަށް ބުނެފައިވަނީ ކޮވިޑް-19 ކުންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ދަށުން މުޒާހަރާކުރުން މަނާކަމަކަށް ވާތީކަމަށެވެ.



