ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ" ޖުލައި 24 ގައި ވަނީ ޑިޖިޓަލް ޕްލެތްފޯމެއްގައި ރިލީޒްކޮށްފަ އެވެ. މި ފިލްމް ރިލީޒްކުރުމާއެކު، ބެލުންތެރިންގެ ޝުއޫރުތައް މެދުކެނޑުމެއްނެތި ދިޔައީ އޮހެމުންނެވެ. ސުޝާންތްގެ ފަހު ފިލްމަށް ވުމުން، އެންމެންވެސް ބުނެފައިވަނީ ފިލްމް ފެށިގެން ނިމެންދެން ހުރެވުނީ ފެންކަޅިވެފައިކަމަށެވެ.
މިހާތަނަށް ބޮލީވުޑްގެ ފިލްމަކަށް ޑިޖިޓަލް ޕްލެޓްފޯމުގައި ލިބިފައިނުވާ، ހީވެސްނުކުރާފަދަ ބޮޑު ތަރުޙީބެއް މި ފިލްމަށް ލިބިގެންގޮސްފައިވާއިރު މި ފިލްމް އަންނަނީ ބޮލީވުޑްގެ ރެކޯޑުތައްވެސް މުގުރަމުންނެވެ. އެގޮތުން "ދިލް ބޭޗާރާ" އަށް ބެލުންތެރިން ދިން ތަރުހީބުގެ ބޮޑުކަމުން 24 ގަޑިއިރު ތެރޭގައި މި ފިލްމު ވަނީ ރެކޯޑެއް ގާއިމް ކޮށްފަ އެވެ. މި ފިލްމަށް ވަނީ އައިއެމްޑީބީގެ ރޭޓިން އިން 10 އަކުން 9.7ގެ ރޭޓިންއެއް ލިބިފައެވެ. އެއާއެކު ސުޝާންތުގެ ފަހު ފިލްމު ވެފައިވަނީ އައިއެމްޑީބީ އިން މިހާތަނަށް އެންމެ ރޭޓިން މަތިކޮށް ލިބުނު ހިންދީ ފިލްމަށް ވެފައެވެ.
މި ފިލްމް ބެލުމަށްފަހު ގިނަ ބަޔަކު ބުނީ، މިއީ މޮޅު ފިލްމެއްކަމަށާއި، އަދި މި ފިލްމުން ސުޝާންތް އަކީ ކިހާ ހުނަރުވެރި އެކްޓަރެއްކަން އެނގިގެންދާކަމަށެވެ. އަދި ދެން އިތުރު ފިލްމަކުން ސުޝާންތް ނުފެންނާނެކަން ޤަބޫލުކުރަންވެސް ބޭނުންނުވާކަމަށާއި، ނަމަވެސް މިއީ އޭނަގެ ފަހު ފިލްމްކަން ހިތަށް އަރުވާލިޔަސް ވަރަށް ދެރަވާކަމަށެވެ.
މުކޭޝް ޗަބްރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އައިއެމްޑީބީގައި އެންމެ މައްޗަށް ރޭޓް ކުރެވުނު ހިންދީ ފިލްމުގެ ރެކޯޑް މިހާރު އޮތް ފިލްމަށްވެފައިވާއިރު، އެ ފިލްމު ރިލީޒްކުރިތާ 24 ގަޑިއިރު ނުވަނީސް ވަނީ 75 މިލިއަން ވިއުސްވެސް ވަނީ ހޯދައިފައެވެ.

މީގެކުރިން، "ދިލް ބޭޗާރާ" ގެ އޮފިޝަލް ޓްރެއިލާ ދައްކާލުމާއެކު، 24 ގަޑިއިރު ތެރޭގައި އެންމެ ގިނަބަޔަކު ލައިކް ދިން ޓްރެއިލާގެ ލަޤަބުވެސް މި ފިލްމަށް ވަނީ ލިބިފައެވެ. އެއާއެކު، މި ފިލްމް ގެ ޓްރެއިލާއިން މި ވަނީ، ހޮލީވުޑްގެ މަޝްހޫރު ފިލްމް “އެވެންޖާސް: އެންޑްގޭމް” ވެސް ފަހަތަށް ޖައްސާލައިފައެވެ.
ދިލް ބޭޗރާ” އަކީ، 2014 ވަނަ އަހަރު ނުކުތް ކާމިޔާބު ހޮލީވުޑްގެ ލޯބީގެ ފިލްމް “ދަ ފައުލްޓް އިން އަވާ ސްޓާ” ގެ ހިންދީ ރީމޭކެކެވެ. މި ފިލްމްގެ ފިރިހެން ލީޑުން ސުޝާންތް ފެނިގެންދާއިރު، އަންހެން ލީޑުން ފެނިގެންދަނީ، ސަންޖަނާ ސާންގީ އެވެ.
މި ފިލްމްގައި ކިޔައިދެނީ، ކެންސަރާއި ހަނގުރާމަ ކުރަމުންދާ ދެ ލޯބިވެރިންގެ އަސަރުގަދަ ލޯބީގެ ވާހަކައެކެވެ. އެގޮތުން މި ފިލްމްގައި ސުޝާންތް އަދާކުރީ، ކެންސަރާއި ހަނގުރާމަކުރަމުންދާ މީހެއްގެ ރޯލުންނެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ، މުކޭޝް ޗައްބުރާއެވެ.



