ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ތުހުމަތެއްގައި ގެންދިޔަ ދެމީހަކަށް އަނިޔާކުރި މައްސަލައިގައި ތިން ފުލުހަކަށް ފިޔަވަޅު އަޅާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި 25 އަހަރުގެ ޒުވާނެއްގެ އިނގިލި ބިންދާލައި، އިތުރު ޒުވާނަކަށް އަނިޔާކޮށްފައިވަނީ، ދެ ފުލުހަކަށް ބިރުދައްކާ، އިންޒާރުދީ އަދި އެމީހުންގެ މުދަލަށް ގެއްލުންދިން މައްސަލައެއްގެ ތުހުމަތުކޮށް އެ ޒުވާނުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހުއެވެ. އެ ޒުވާނާ ހައްޔަރުކޮށް ވެއްދިއިރު އެއްވެސް އަނިޔާއެއް ހުރިކަމަށް މަޢުލޫމާތު ލިބިފައެއް ނުވި ނަމަވެސް، 2019 ޑިސެމްބަރު 6 ވަނަ ދުވަހު އޭނާ ރޯގާޖެހި ބަލިވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމުން އިނގިލީގައިވެސް ރިއްސާކަމަށް ބުނާތީ، އެކްސްރޭ ނެގިއިރު ކަނާތު އިނގިއްޔެއްގެ ކަށިގަނޑަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭރު ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާއި ގުޅޭގޮތުން މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިއަދު ފުލުހުން ވިދާޅުވީ، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑްސް ކޮމާންޑުން ތަޙްޤީޤުކުރި މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަ ކުރުމަށްފަހު، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ތިން ފުލުހަކަށް ފިޔަވަޅުއަޅާފައިވާ ކަމަށެވެ.
"މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާރޑް ކޮމާންޑުން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ނިންމާފައިވަނީ މި މައްސަލައިގައި ހިމެނޭ ދެ ފުލުހަކު ކުރިން މަސައްކަތްކުރި ޑިޕާޓްމެންޓް ނޫން އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމަށް." ފުލުހުން ވިދާޅުވިއެވެ.
އިތުބާރުހިފޭ މަސްދަރުތަކުން މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެހެން ޑިޕާޓްމެންޓަކަށް ބަދަލުކޮށްފައިވަނީ އަނިޔާކުރި މައްސަލައިގައި ބައިވެރިވި ޕޮލިސް އިންޓެލިޖެންސްގެ ދެ ފުލުހުންނެވެ.
"މި މައްސަލައިގައި ހިމެނޭ އަނެއް ފުލުސްމީހާގެ މަޤާމު ދަށްކޮށް އަހުލާޤީ ކުލަ ނެގުމަށް ވަނީ ނިންމާފައި." ޑިސިޕްލިނަރީ ބޯޑުން އެޅި ފިޔަވަޅާ ގުޅެގޮތުން ފުލުހުން ވިދާޅުވިއެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި މިކަމުގައި ބައިވެރިވި ތިންވަނަ ފުލުސް މީހާއަކީ ކުރިން ސްޓޭޝަން އިންސްޕެކްޓަރގެ މަޤާމުގައި ހުރި ފުލުހެކެވެ. މިކަމާއި ގުޅިގެން އޭނާ ވަނީ ސްޓާފް ސާޖެންޓްގެ މަޤާމަށް ޑީމޯޓްކޮށްފައެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި މި މައްސަލާގައި ފިޔަވަޅު އަޅާފައިވަނީ، ސްޓޭޝަން އިންސްޕެކްޓަރ އަބުދުލް ސަލާމް އަބުދުއްކަރީމް އާއި ޕޮލިސް އިންޓެލިޖަންސްގައި މަސައްކަތްކުރި ހުސެއިން ޝިޔާން މުހައްމަދު އަދި މުހައްމަދު ދާއުދަށެވެ.
ފުލުހުންގެ ޕްރޮފެޝަނަލް މިންގަނޑުތަކާއި ހިލާފުވެގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންތަކަކަށް ފިޔަވަޅު އެޅިއިރު، މީގެ އިތުރުންވެސް އެ ސްޓޭޝަނުގެ ފުލުހުންނާ ގުޅުންހުރި މައްސަލަތަކެއް ޕްރޮފެޝަނަލް ކޮމާންޑަށް ހުށަހެޅިފައިވާކަން ފާހަގަކޮށްލެވެއެވެ.



