މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެރެއިން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މާފުށީ ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ, އާއިލީ ބައްދަލުވުމަކަށް މާފުށީ ޖަލަށްދާ މީހަކު މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ އަންހެނެއް ކަމަށެވެ.
"މެއި 16 ވަނަ ދުވަހު ހިންގި މިއޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން މާފުށީ ޖަލު ސަރަޙައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވޭ" ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ކ. މާފުށި ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.