ށ. ފީވަށް ބަނދަރު ޑިޒައިން ކުރުމާއި ބަނދަރު ފުންކުރުމު މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓިސީސީ) އިން ބުނެފިއެވެ.
އެމްޓިސީސީ އިން ބުނެފައިވަނީ، މި މަޝްރޫޢުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 66 ޕަސެންޓް ވަނީ މިހާރު ނިމިފައި ކަމަށެވެ.
އަދި މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނޭ ކަމަށާއި އަދި 356 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. އަދި 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީ އިން ބުނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 69.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2 ޖުލައި 2019 ދުވަހުއެވެ.