މާލެ ސަރަހައްދުގައި މިއަހަރުގެ އަޟްހާ އީދު ނަމާދު، މައިދާނުގައި ބޮޑު ޖަމާއަތުގައި ނުބާއްވާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެ، ވިލިމާލެ، އަދި ހުޅުމާލޭގެ މައިދާންތަކުގައި ޖަމާއަތް ހަދައިގެން އީދު ނަމާދު މިއަހަރު ނޯންނާނެ ކަމަށެވެ. ނަމަވެސް، އިސްލާމީ މަރުކަޒާއި ހުކުރު ނަމާދުކުރާ އެންމެހާ މިސްކިތްތަކުގައި އީދު ނަމާދު ކުރާނެ ކަމަށެވެ.
މިހެންނަމަވެސް، ރައްރަށުގައި އީދުނަމާދުކުރާނެ ތަނަކާއި ގުޅޭގޮތުން ގޮތް ނިންމާނީ އެރަށެއްގެ ކައުންސިލުން ކަމަށް އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ވަނީ ނަމާދުކުރަން ފަށައިފަ އެވެ. އޭގެ ކުރިން، ރަށްރަށުގެ މިސްކިތްތަކުގައި ޖަމާތުގައި ނަމާދުކުރުމުގެ ހުއްދަ ދީފައި ވެއެވެ.
މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. ކޮވިޑް-19 އާއި ގުޅިގެން އީދު ބަންދުގައި އެއްރަށުން އަނެއް ރަށަށް ޗުއްޓީ ހޭދަކޮށްލުމުގެ ގޮތުން ދަތުރު ނުކުރުމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވަނީ އިރުޝާދު ދީފައެވެ.



