ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 1.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުގައި ހިމެނެނީ މާލެ އާއި ހުޅުމާލެއާއި ވިލިމާލެ ހިމެނޭގޮތަށް ޒަކާތްދެއްކި 24،429 މީހުންގެ ތަފާސް ހިސާބާއި ބައެއް ބޭންކް ތަކަށާއި ދިރާގާއި އުރީދޫ މެދުވެރިކޮށް ޒަކާތްދެއްކި މީހުންގެ ތަފާސް ހިސާބެވެ.
އެހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ބަޔަކު ޒަކާތް ދެއްކީ އިސްލާމިކް މިނިސްޓްރީއަށެވެ. އެމިނިސްޓްރީ އަށް 10،000 އަށް ވުރެ ގިނަ މީހުން ޒަކާތް ދެއްކި އެވެ. ދެވަނައަށް އެންމެ ގިނަ މީހުން ބީއެމްއެލަށް ދެއްކިއިރު، ތިންވަނައަށް އެންމެ ގިނަ މީހުން ޒަކާތް ދެއްކީ އެޗްޑީސީއަށެވެ.
ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޒަކާތުގެ ގޮތުގައި ދެލައްކައަށްވުރެ ގިނަ ރުފިޔާ ދައްކާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި އެޗްޑީސީ އަށް ޒަކާތުގެ ގޮތުގައި 61،000 އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ވެސް އެމިނިސްޓްރީން ވަނީ ބުނެފަ އެވެ.
މީގެއިތުރުން ދިރާގަށް ޒަކާތުގެ ގޮތުގައި 45،000 އަށް ވުރެ ގިނަ ރުފިޔާ، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 31،000 އަށް ވުރެ ގިނަ ރުފިޔާ، އުރީދޫ އަށް 18،000 އަށް ވުރެ ގިނަ ރުފިޔާ އަދި ވިލިމާލެ ހައުސިން ޔުނިޓަށް 27،000 އަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބުނު ކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގެ އެހެން ރަށްރަށުން ޒަކާތުގެ ގޮތުގައި ކައުންސިލްތަކަށް ދެއްކި އަދަދެއް އިސްލާމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން ރޯދަމަހުގެ 29 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ އެ އަހަރެއްގައި އާންމުކޮށް ކައި އުޅުނު ބާވަތަކުން 2.4 ކިލޯއަށް ވާ އަގެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަހައްދުން ޒަކާތް ދައްކަން ޖެހޭ އަގުތައް
- އާދައިގެ ހަނޑުލުން 15ރ.
- ތައިލެންޑް ހުދު ހަނޑުލުން 45ރ.
- ބާސްމަތީ ހަނޑުލުން 95ރ.
- ރަތް ހަނޑުލުން 75ރ.
- އާދައިގެ ފުށުން 15ރ.
- އާޓާ ފުށުން 60ރ.
އެހެން ހިސާބުތަކުން ޒަކާތުގެ ގޮތުގައި ނަގާނެ މިންވަރު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންނެވެ. އެއީ އެ ރަށެއްގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގު މާލޭގައި ވިއްކާ އަގާ ތަފާތުވުން އެކަށީގެންވާތީއެވެ.