ބޮލީވުޑްގެ ބަތަލާ އައިޝްވާރިއާ ރާއީ އާއި ދަރިފުޅު އަރަދިއާ ބައްޗަން ކޮވިޑް-19 އިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
އައިޝްވާރިއާ އާއި ދަރިފުޅު ކޮވިޑް-19 އިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފައި މިވަނީ ކޮވިޑް-19 އަށް ޕޮޒިވްވެ، ހޯމް ކަރަންޓީނުގައި ބައިތިއްބައިގެން ފަރުވާދެމުން އަންނަނިކޮށް ހާލު ގޯސްވާތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭތާ 10 ދުވަސް ފަހުންނެވެ.
އައިޝްވާރިއާ އާއި ދަރިފުޅު ކޮވިޑް-19 އިން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފައިވާކަން ހާމަކޮށްފައިވަނީ ފިރިމީހާ އަބީޝޭކް ބައްޗަންއެވެ.
އަބީޝޭކް ބައްޗަން މިކަން ހާމަކޮށް ކުރި ޓުވީޓުގައި ބުނެފައިވަނީ، އައިޝްވާރިއާ އާއި ދަރިފުޅު ކޮވިޑް-19 އިން ނެގެޓިވް ވެފައިވާ ކަމަށާއި އަދި މިހާރު ހޮސްޕިޓަލުން ދޫކޮށްލުމުން މިހާރު ގެޔަށް ބަދަލުވެފައިވާ ކަމަށެވެ.
އައިޝްވާރިއާ އާއި 8 އަހަރުގެ ދަރިފުޅު ކޮވިޑް-19 އަށް ޕޮޒިޓްވީ މި މަހުގެ 12 ވަނަ ދުވަހުއެވެ.
ބައްޗަންގެ އާއިލާއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފައިވަނީ އަމީތާބް ބައްޗަން އާއި އަބީޝެކް ބައްޗަން އެވެ. މި ދެމީހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނީ މި މަހުގެ 11 އިން ފެށިގެންނެވެ.




