ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރަން އެދޭތާ 3 މަސް ވީއިރުވެސް، އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 55 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ވަނީ ވާދަވެރި ސިޔާސީ ޕާޓީތަކުން ސަރުކާރާއެކު މަސައްކަތް ފެށުމުގެ މަޝްވަރާއަށް ދައުވަތު ދެއްވާފައެވެ. މިކަމަށް ރައްދު ދެއްވަމުން، އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ އިދިކޮލޫ ފަރާތްތަކުން ރައީސް ސޯލިހާއި ބައްދަލު ކުރަން މަސައްކަތް ކުރާތާ 3 މަސް ވެއްޖެ ކަމަށާއި މިއަދާ ޖެހެންދެންވެސް އަދި އެކަމަށް ޖަވާބެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ.
އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާލުވެފައިވަނީ ރައިީސް ސޯލިހް މަޝްވަރާ އަށް ދައުވަތު ދެއްވި ފަރާތްކަކީ ކޮން ބައެއްކަން ސާފު ނުވާކަމަށާއި އިދިކޮޅު ފަރާތްތަކުން ބައްދަލުވާން ސިޓީއެއް ފޮނުވައިގެން އުޅޭތާ 3 މަސް ވެފައިވާއިރުވެސް ޖަވާބެއް ނުލިބޭކަމަށެވެ.
އަދި ހޯމް މިނިސްޓަރަށާއި ޕޮލިސް ކޮމިޝަނަރަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ބައްދަލު ކުރަން އެދިގެން އުޅޭތާ 3 މަސް ވެފައިވާކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔަމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން 26 ޖުލައި ވީ ދުވަހުގެ ރޭ އިހުތިޖާޖުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުންނާއި އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ. މި އިހުތިޖާޖުގެ ބައިވެރިންވަނީ މަޖީދީމަގުން އެއްކޮޅުން އަނެއް ކޮޅަށް އަޑު އުފުލަމުން ހިނގާލާފަ އެވެ. އަދި ޕީޕީއެމް އޮފީސް ކުރިމައްޗަށް ގޮސް އިހުތިޖާޖު ބައިވެރިންގެ ޝުއޫރު ފާޅުކޮށްފައި ވެއެވެ.
މުޒާހަރާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލާއި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވުމުން އަދުރޭ ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަންގެ އިސް ލީޑާޝިޕްއަށް ކިތަންމެ ބިރު ދެއްކެވިނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި ކޯލިޝަންގެ މުޒާހަރާތައް ކުރިއަށް އޮތްތާވެސް ކުރިއަށް ގެންދާނެ ކަމަށެވެ.



