ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.
އެމްޓިސީސީ އާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ ފޮއްދޫ ގޮނޑުދޮއް ހިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމާލާފައިވަނީ 26 ޖުލައި 2020 ގައި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީ އާއި ދެމެދު މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 25 ފެބްރުއައީ 2020 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 07 މާޗް 2020 ގައެވެ.
އެމްޓީސީސީން ވިދާޅުވީ ފޮއްދޫ ގޮނޑުދޮއް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން 180 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް އެތުރިފައިވާ ކަމަށާއި އަދި 5,000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރުކުރެވިފައިވާ ކަމަށެވެ.
މި މަޝްރޫޢުއަކީ ނ. ފޮއްދޫ އަށް ދިމާވެފައިވާ ރަށް ގިރުން ހުއްޓުވުމުގެ ގޮތުންނާއި، ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރައީސް ޞޯލިޙުގެ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ.

މި މަޝްރޫޢަށް ޖުމްލަ 7.6 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވެއެވެ.
އެމްޓީސީސީން ވިދާޅުވީ ރައީސް ޞޯލިޙުގެ ސަރުކާރުގައި މިއަހަރު ތެރޭގައި 17 ރަށެއްގައި 19 މަޝްރޫޢެއް ނިންމާފައިވާ ކަމަށެވެ. އަދި މި ޖުލައި މަހުގެ ތެރޭގައި ބަނދަރު ހެދުމުގެ 2 މަޝްރޫޢުއާއި އެއަރޕޯޓު އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއެއް ނިމިފައި ވާކަމަށްވެސް އެމްޓީސީސީން ވަނީ ހާމަކުރައްވާފައެވެ.