އިދިކޮޅު ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން ޗާންދަނީ ޖަންކްޝަންއަށް އެއްވެއްޖެއެވެ.
އިދިކޮޅުން ޗާންދަނީ ޖަންކްޝަންއަށް އެއްވެ ސަރުކާރާއި ދެކޮޅަށް ދަނީ ޝުއޫފު ފާޅުކުރުމަމުންނެވެ. އެގޮތުން ބޯޑުތައް ހިފައިގެން ހުރި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިސްތިޢުފާއަށްވެސް ދަނީ ގޮވަމުންނެވެ. އިޙްތިޖާޖުގެ ބައިވެރިން ތިބީ ޗާންދަނީ މަގާއި މަޖީދީމަގު ކުޅޭ ކަންމަތީގައި އިޝީންދެގެންނެވެ.
ފުލުހުން މިހާރު ދަނީ ބެރިކޭޑް ޖަހާ އެއްވުމުގެ ބައިވެރިން ފަހަތައް ޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިޙްތިޖާޖުގެ ބައެއް ބައިވެރިން ބޭރުކޮށް ފުލުހުން ވަނީ އެ ސަރަހައްދު ވަށާލައިފައެވެ. ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި އިޝީންދެގެން ތިބި ފަރާތްތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
އިޙްތިޖާޖު ރޫޅާލުމަށް ފުލުހުން ކުރި މަސައްކަތުގައި އިޙްތިޖާޖުގެ ބައިވެރިޔަކަށް ވަނީ އަނިޔާވެފައެވެ. އަނިޔާވެފައި ވަނީ އިދިކޮޅު ޕްރޮގްރެސް ކޮންގްރެސް ކޯލިޝަންގެ ކައުންސިލް މެންބަރު އަރީޝްއަށެވެ. އިޙްތިޖާޖުގެ ބައިވެރިން ދަނީ އަދުލު އިންސާފު ޤައިމް ކުރުމަށާއި އަނިޔާ ކުރުން ހުއްޓާލުމަށް ގޮވާލަމުންނެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށްވެސް އިޙްތިޖާޖުގެ ބައިވެރިން ދަނީ ގޮވަމުންނެވެ.
ފުލުހުން މިހާރު ވަނީ އިޙްތިޖާޖުގެ ބައިވެރިން ޗާންދަނީ މަގުތެރެއަށް ވައްދާ ޗާންދަނީ ޖަންކްޝަން ސަރަހައްދު ހުސްކޮށްފައެވެ. މިނިވަން އިޙްތިޖާޖުގެ ނަމުގައި އިދިކޮޅުން ބާއްވާ އިޙްތިޖާޖުގައި މިރޭ އެކަކު ހައްޔަރު ކޮށްފައިވާއިރު ފުރަތަމަ ރޭ ފުލުހުން ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ.
އިހްތިޖާޖުގެ ބައިވެރިން މިހާރު ވަނީ އެ ސަރަހައްދު ދޫކޮށް އެހެން ސަރަހައްދަކަށް މިސްރާބު ޖަހާފައެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މިހާރު ދަނީ މަޖީދީމަގަށް ނިކުމެ މަޖީދީ މަގާއި ކޯރުކެނޑިމަގާ ގުޅުނު ކަންމަތީގައި އިށީންދެފައެވެ. ފުލުހުން ވަނީ އެއްވުމުގެ ބައިވެރިން ވަށާލައިފައެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ އެއްވުމުގައި އެ ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ކުރީގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްއާއި ޕީއެންސީގެ ނައިބު ރައީސް ސައީދުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެއްވުމުގެ ބައިވެރިން އެކި ސަރަހައްދުތަކުގައި ދަނީ އަޑު އުފުލަމުންނެވެ.
އެއްވުމުގެ ބައިވެރިން ވަނީ ފުލުހުންގެ ސަފުތައް ރޫޅާލައި މަޖީދީމަގަށް ނިކުމެފައެވެ.




