ކޮވިޑް-19: ބަލި ޖެހުނު މީހުންގެ އަދަދު 16 މިލިއަނަށް

ހަލުވިކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު 16 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 ގެ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދުނިޔެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 16,762,896 ގައެވެ. އަދި މިބަލީގައި 659,733 މީހަކު ވަނީ މިހާތަނަށް ނިޔާވެފައެވެ.

މިދިޔަ މެއި މަހުގެ މެދެއްހާ ހިސާބުގައި، ދުނިޔެއިން ކޮވިޑް-19 ޖެހޭ މީހުންނާއި މި ބަލީގައި މަރުވާ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް ދަށްވެގެން ދިޔަނަމަވެސް، އަނެއްކާވެސް ބަލީގެ ނުރައްކާ ދުނިޔެއަށް ވަނީ ބޮޑުވާން ފަށާފައެވެ. މިގޮތުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މި ބަލީގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް މިހާރު އަންނަނީ އިތުރު ވަމުންނެވެ.

މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަސް ޖެހިގެން މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 151,494 މީހަކު މަރުވެފައި ވެއެވެ.

ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައި ވަނީ ބްރެޒިލް އިންނެވެ. އެޤައުމުން މިހާތަނަށް 88,017 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.

ތިންވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވެފައި ވަނީ ޔޫކޭ އިންނެވެ. އެޤައުމުން މިހާތަނަށް 45,878 މީހަކު މި ބަލީގައި ވަނީ މަރުވެފައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ ހިމެނެއެވެ.

ދުނިޔެއިން މިވައިރަސް ފެނުނު ފަހުން 6 މަހެއްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާތަނަށް އައިއިރުވެސް މި ބައްޔަށް ފަރުވާއެއް ނުވަނަ ވެކްސިނެއް އުފެއްދިފައި ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ