އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފުލުހުން ޕެޕަރސުޕްރޭ ޖަހައިފި އެވެ.
ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ޕެޕަރސުޕްރޭ ޖަހައިފައިވަނީ، މަޖީދީ މަގާ ސޯސަން މަގާ ގުޅޭ ކަންމަތީގައި މުޒާހަރާގެ ބައިވެރިން އިށީންދެ އަޑު އުފުލަން ތިއްބައެވެ.
މިއީ އިދިކޮޅު ފަރާތްތަކުން "މިނިވަން އިހުތިޖާޖު"ގެ ނަމުގައި ބާއްވާ ދެވަނަ މުޒާހަރާއެވެ. ފުރަތަމަ މުޒާހަރާ ބާއްވައިފައިވަނީ، މިނިވަންދުވަހުގެ ރެއެވެ.
އިދިކޮޅު ފަރާތްތަކުން މުޒާހަރާ ބާއްވަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މިވަގުތުު ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.
މުޒާހަރާ ބާއްވާ ސަރަހައްދުގައި ހަރަކާތްތެރިވާ މިނޫހުގެ ރިޕޯޓަރ މިނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިހާތަނަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި މުޒާހަރާގައި މާގިނަ އަދަދަކަށް ނޫނަސް އާމުން ބައިވެރިވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ކަންކަން ބަލަހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސް ކުރިމައްޗަށް ދާން މަސައްކަތް ކުރުމުގެ ތެރޭގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ކޮންމެސް މިންވަރެއްގެ ހަމަނުޖެހުމެއްވެސް ވަނީ ހިނގައިފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއިންނާއި އަދި ފުލުހުންގެ ތެރެއިންވެސް އެއްވެސް މީހަކަށް މާބޮޑު ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.