ފުލުހުން ގަޔަށް ކުޅުޖެހުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޞީ އަހްމަދު ހައިލަމް ވިދާޅު ވެއްޖެއެެވެ.
"މިނިވަން އިހުތިޖާޖު" ގެނަމުގައި އިދިކޮޅު ފަރާތްތަކުން ބާއްވަމުންދާ މުޒާހަރާގެ ދެވަނަ މުޒާހަރާގައި ރޭ ބައިވެރިވި މީހަކު މުޒާހަރާކުރި ސަރަހައްދުގެ ސަލާމަތީ ކަންކަމުގައި ހަރަކާތްތެރިވި ފްރަންޓްލައިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައިކަމަށް ފުލުހުން ބުނެފައިވާއިރު، މިކަމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ ހައިލަމް ރޭ ވަނީ ޓްވީޓެއް ކުރައްވާފައެވެ.
ހައިލަމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޤާނޫނު ތަންފީޒުކުރާ އޮފިސަރުންގެ ގަޔަށް އަތްލައި، ކުޅު ޖަހައި ހެދުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް ކަމަށެވެ. އަދި ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނާ ޚިލާފު ޢަމަލުތައް ކުރުމަށާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް އޮތް ހުއްދައެއް ނޫން ކަމަށް ހައިލަމް ވިދާޅުވިއެވެ.
ޤާނޫނު ތަންފީޒުކުރާ އޮފިސަރުންގެ ގަޔަށް އަތްލައި، ކުޅު ޖަހައި ހެދުމަކީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް.
ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއަކީ ޤާނޫނާ ޚިލާފު ޢަމަލުތައް ކުރުމަށާއި، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ނުރައްކަލުގެ ތެރެއަށް ވައްޓާލުމަށް އޮތް ހުއްދައެއް ނޫން. https://t.co/zu6soqyE2A— Ahmed Hailam (@AhmedHailam) July 28, 2020
އިދިކޮޅު ފަރާތްތަކުން މުޒާހަރާ ބާއްވަމުންދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ މިވަގުތުު ޖަލު ބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސްތިއުފާއަށްވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި އެއްވުމުގައި އެ ކޯލިޝަން ހިންގުމާއި ހަވާލުވެހުރި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ކުރީގެ ބާރަށު ދާއިރާގެ މެންބަރު ޝުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމްއާއި ޕީއެންސީގެ ނައިބު ރައީސް ސައީދުވެސް ވަނީ ހަރަކާތްތެރިވެފައެވެ.