ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން އިތުރަށް ގޯސްވެ ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ޅ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ހުރިހާ އަތޮޅަކަށެވެ.
މިރޭ މެންދަމު 01:15 އިން ފަތިހު 04:15 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، ޅ. އަތޮޅުން ފެށިގެން ފ. އަތޮޅާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
Alert yellow for heavy rain & thunderstorms. pic.twitter.com/BHU44dKC0E
— Maldives Meteorology (@MetMaldives) May 19, 2019
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވޭރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާ ގޮތުގައި، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެއިރު، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.