ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޗްޕީއޭ އިން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފަށް ހުރި ތަންތަން ބަންދުކުރަން ފަށައިފިއެވެ.
މިއަދު ހަވީރު އެޗްޕީއޭއިން ނުކުމެ، މަޝްހޫރު ބައެއް ކެފޭތަކާއި، ރެސްޓޯރެންޓްތައް ދަނީ ބަންދު ކުރަމުންނެވެ. މި ތަންތަން ބަންދުކޮށް، ބޭރުގައި ނޯޓިސްއެއް އެޗްޕީއޭއިން ހަރު ކުރެއެވެ.
މިހާރު ކުރިއަށްދާ ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން އެޗްޕީއޭ އިން ގާއިމްކޮށްފައިވާ އުސޫލުތަކާއި ހިލާފަށް ހިދުމަތް ދެމުންގެންދާތީ މާލެއިން 27 ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ.
އެޗްޕީއޭއިން ރެސްޓޯރެންޓްތަށް ބަންދުކުރުމަށްފަހު އެތަންތަނުގެ ބޭރުގައި ހަރުކުރާ ނޯޓިސްގައި ބުނެފައިވަނީ، "މިތަނުން ހިދުމަތް ކުރިއަށްގެންދިއުމަށްޓަކައި ކޮވިޑް-19 އާ ގުޅިގެން އާއްމުކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ތަނުގެ ކަންކަން އިސްލާހު ކުރުމަށްފަހު މި އެޖެންސީގެ ނަމްބަރު 7285216 އަށް އެންގުމަށް ދަންނަވަމެވެ".
އެޗްޕީއޭ އިން ރޭ ނެރުނު އިއުލާނުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން އައު ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މިގޮތުން މިފަދަ ތަންތަނުން ޢާއްމުފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭންވާނީ، ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭ އިން މިރޭ ކުރި އިއުލާނެއްގައި ވިދާޅުވެފައި ވެއެވެ.




