ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން، މާލެއިން އަތޮޅުތެރޭގެ ރަށްތަކަށް ދިއުމަށް ގާތްގަނޑަކަށް 9000 މީހުން އެދިފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ،.
މިނިސްޓަރު މިހެންވިދާޅުވީ، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރު އަމީން ވިދާޅުވީ، 9000 އެއްހާ މީހުން އެކި ކަންކަމުގައި ދާން އެ މިނިސްޓްރީއަށް އެދިފައިވާކަމަށާއި، އަދި މި ހުރިހާ އެންމެންނަކީ، ކޮންމެހެން ދާން ޖެހިގެން ދާ މީހުން ކަމަށް ޤަބޫލުކުރަން އުނދަގޫކަމަށެވ.
"މިއަދު ހެނދުނު މައުލޫމާތު ބެލިއިރު ގާތްގަނޑަކަށް 9000 މީހުން އެބަހުރި އެޕްލައިކޮށްފައި އަތޮޅުތަކަށް ދިއުމަށް. 9000 އެއްހާ މީހުން އެކި ކަންކަމުގައި ދާން. މި ހުރިހާ އެންމެންނަކީ، އަޅުގަނޑަށް ގަބޫލުކުރަން އުނދަގޫ، ކޮންމެހެން ދާން ޖެހިގެން ދާ މީހުން ކަމަށް. މާލޭގެ ހާލަތު އެބަ އެނގޭ. މީހާގެ އަލާމާތެއް ނެތިވެސް ޕޮޒިޓިވް މީހުއްގެ ގޮތުގައި އޭނާ ހުރެދާނެ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މޭލެއިން ރަށްރަށަށް ދާ މީހުން ކުރިޔަށް ވުރެ ބޮޑަށް ޒިންމާދާރުވުމަށް ގޮވާލާ މިނިސްޓަރު ވިދާޅުވީ، މިއީ ޗުއްޓީ ދުވަސްވަރު ކަމަށްވިޔަސް، އިހުގައި އުޅޭ ފަދައިން ކުޅިވަރު ކުޅުމާއި މީހުން ރަށްރަށަށް ގޮސް ހަރަކާތްތައް ހިންގުންފަދަ ކަންކަން ކޮށްފިނަމަ، މި ބަލިން ރައްކާތެރިވާން ކުރާ ބޮޑު ހޭދައާއި ކުރާ ބުރަ މަސައްކަތާއި އެންމެން މިކަމުގެ ތެރޭގައި އެތައް މަސްތަކެއް ވަންދެން ތިބި ތިބުމުގެ އެއްވެސް ފައިދާއެއް ނުފެނި ހިނގައިދާނެކަމަށެވެ.
މާލެއިން އަތޮޅުތަކުގެ ރަށްތަކަށް ދާން ބޭނުންވާ މީހުންނަށް ދެވޭނީ، އެޗްޕީއޭއިން ހުއްދައާއެކުއެވެ. އަދި ހުއްދަ ލިބިގެން ރަށްރަށަށް ދިއުމަށްފަހު އެ ރަށެއްގައި ހޯމް ކަރަންޓީނުގައި 14 ދުވަސް ފުރިހަމަ ކުރަން ޖެހުމަށްފަހު، ކޮވިޑަށް ޓެސްޓެ ކުރެވޭނެއެވެ.