އަންނަ އަހަރު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، ކުވައިތްގެ އަމިއްލަ ސްކޫލްތަކުގެ ޓިއުޝަން ފީގެ 25 އިންސައްތަ ކުޑަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން، އަމިއްލަ ސްކޫލްތަކަށް އިލްތިމާސްކޮށްފިއެވެ.
މިގޮތަށް އިލްތިމާސްކޮށްފައިވަނީ، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެކަމުން ބެލެނިވެރިންނަށް ލުއިފަސޭހަތަކެއް ދިނުމަށެވެ.
ކުވައިތްގެ ނިއުސް އޭޖެންސީ އަކުން ނެރެފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ، ކުވައިތްގެ އެޑިއުކޭޝަނެ މިނިސްޓަރު އަދި ހަޔަރ އެޑިއުކޭޝަން، ޑރ. ސައުދް އަލް ހާރބީ ވަނީ، މިނިސްޓްރީއިން ހުށައެޅި ހައްލެއްގެ ގޮތުގައި، ޓިއުޝަން ފީ ކުޑަކުރުމަށް ހުށައަޅައިފައިކަމަށެވެ.
އަދި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އަދި އަންނަ އަހަރު ކިޔެވުންވެސް، އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދިނުމަށް މިނިސްޓްރީން އަމިއްލަ ސްކޫލްތަކަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ 26 އިން ފެށިގެން މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި، އަމިއްލަ ސްކޫލްތަކުގެ، ސްކޫލް ފީތަށް މިނިސްޓްރީން ކެންސަލްކުރުމަށް ނިންމާފައިވާކަމަށްވެސް އެ ސްޓޭޓްމެންޓެގަިއ ބުނެފައިވެއެވެ. އެގޮތުން އަމިއްލަ ސްކޫލްތަކުގެ ތެރެއިން، ކިންޑަގާރޑެން އިން ފެށިގެން ގްރޭޑް 11 ގައި ކިޔަވާ ދަރިވަރުން މީގައި ހިމެނެއެވެ.
މީގެ އިތުރުން މި އިސްލާހުތަކަށް އަމަލު ނުކުރާ ސްކޫލްތަކަށް ފިޔަވަޅު އެޅޭނެކަމަށްވެސް މިނިސްޓްރީގެ ސްޓޭޓްމެންޓެގައި ބުނެފައިވެއެވެ.




