ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފަށް ހުރި 50 ތަނެއް ބަންދުކޮށްފިއެވެ.
އެޗްޕީއޭ އިން ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު 99 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި އެތަނުން އުސޫލުތާއި ހިލާފަށް ހުރި 50 ތަނެއް ބަންދު ކޮށްފައިވާކަމަށެވެ. އެޗްޕީއޭއިން ބަންދު ކޮށްފައިވަނީ 4 ސެލޫންއާއި 24 ފިހާރައަކާއި އަދި 22 ރެސްޓޯރެންޓެވެ.
އެޗްޕީއޭ އިން 28 ޖުލައި 2020 ގައި ނެރިފައިވާ އިއުލާނުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން އައު ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އަދި މިގޮތުން މިފަދަ ތަންތަނުން ޢާއްމުފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭންވާނީ، ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭ އިން މިރޭ ކުރި އިއުލާނެއްގައި ވިދާޅުވެފައި ވެއެވެ.



