ކޮވިޑް-19 ޖެހިގެން ވެއެޓްނާމުން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ވެއެޓްނާމުން ފުރަތަމަ ފަހަރަށް އެބަލި ޖެހިގެން މީހަކު މަރުވެއްޖެއެވެ.

މިގޮތުން މިބަލީގައި މަރުވެފައިވަނީ އުމުރުން 70 އަހަރުގެ ފިރެހެނެއް ކަމަށް އެގައުމުގެ ރަސްމީ މީޑިއާއިން މައުލޫމާތު ދެއެވެ. އަދި މިމީހާއަކީ ކޮވިޑް-19ގެ އިތުރުން ދިގުމުއްދަތައް ބޭސްކުރާ ބަލިތައް ޖެހިފައި ހުރި މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އާބާދީގައި 95 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ވެއެޓްނާމުގައި ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައިވަނީ 509 މީހުންނެވެ.

ވެއެޓްނާމަކީ އެގައުމުން ކޮވިޑް-19ގެ ކޭސަސް ފެނުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅި ގައުމެކެވެ. މިގޮތުން ގައުމުގެ ބޯޑަރު ބަންދުކޮށް ފައި ވެއެވެ. އަދި ކޮންމެހެން އެނބުރި ގައުމަށް އަންނަށް ބޭނުންވާ ވެއެޓްނާމުގެ ރައްޔިތުންނަށް އެފުރުސަތު ދިންނަމަވެސް އެ ފަރާތްތައް ގައުމަށް އެތެރެވުމަށްފަހު ކަރަންޓީނުގައި 14 ދުވަސް ހޭދަކުރަން ޖެހެއެވެ.

ވެއެޓްނާމުން ކޮވިޑް-19ގެ ކޭސްއެއް ނުފެންނަތާ ތިންމަސްދުވަހަށް ފަހު މި ހަފްތާގެ ކުރީކޮޅު ދަ ނަންގް ނަމަކަށް ކިޔާ ރަށުން ކޮވިޑް-19 ގެ ކްލަސްޓާތަކެއް ވަނީ ފެއްނަން ފަށައިފައެވެ.

މިގޮތުން މިއަދު އެކަނިވެސް އެރަށުން އިތުރު 45 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ