ސެނިޓައިޒަރ ބުއި 10 މީހުން އިންޑިއާއިން މަރުވެއްޖެ

އިންޑިއާގެ އަންދްރަޕުރަދޭޝްގެ ވިލެޖެއްގައި ރާ އަޅައިގެން ހަދައިފައިހުރި ސެނިޓައިޒަރ ބުއި 10 މީހުން މަރުވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި 10 މީހުން ސެނިޓައިޒަރ ބޮއިފައިވަނީ އެމީހުންގެ ވިލެޖުގައި ރާ ވިއްކާ ފިހާރަތައް ބަންދު ކުރުމާއި ގުޅިގެން މަސްތުވުމުގެ ބޭނުމުގައެވެ.

ޑިސްޓްރިކްޓް ފުލުހުންގެ ވެރިޔާ ސިދާތް ކައުޝަލް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ސެނިޓައިޒަރ ބޮއިގެން މަރުވި މީހުން ބޮއިފައިވަނީ ސެނިޓައިޒަރ އެކަނި ނޫންކަމަށާއި ސެނެޓައިޒަރ އަށް ފެނާއި އަދި ލުއި ބުއިންތައް އެއްކޮށްގެން ކަމަށެވެ. އަދި މިމީހުން މަރުވެފައިވަނީ މިތަކެތި ބޯތާ 10 ދުވަސް ފަހުން ކަމަށެވެ.

މީގެއިތުރުން ކައުޝަލް ވިދާޅުވެފައިވަނީ ސެނިޓައިޒަރގައި އެއްވެސް ވިހަ މާއްދާއެއް ހުރިތޯ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ގިނަ ހިސާބުތައް މިހާރު ފުރަބަންދު ކޮށްފައިވާއިރު ރާފަދަ މަސްތުވާތަކެއްޗަށް ދެވިހިފައިފައިވާ މީހުންނަށް ވަނީ މިފަދަ ތަކެތި ހޯދުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މިއާއެކު މިފަދަ ފަރާތްތައް އަންނަނީ ރާ ހުންނަ ތަފާތު ބުއިންތައް ގިނަ އަދަދަކަށް ބޭނުން ކުރަމުންނެވެ.

އިންޑިއާގެ މައި ސަރުކާރުން މިހާރު އަންނަނީ އިގްތިސާދީ އަޑިގަނޑަކަށް އެގައުމު ވެއްޓުނަ ނުދިނުމަށްޓަކައި ގިނަ ވިޔަފާރިތަކަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ދޭން ފަށައިފައެވެ. މިހެންނަމަވެސް ބަޔެއް ސްޓޭޓްތަކުން އަދިވެސް އަންނަނީ ފުރަބަންދު ދަމަހައްޓަމުންނެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު އެކަނިވެސް އިންޑިއާއިން 55،000 ގިނަ މީހުންވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ. އަދި މިބަލީގައި 779 މީހުންވަނީ މަރުވެފައެވެ. މިއާއެކު މިބަލީގައި އިންޑިއާއިން މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 35،700 އަށްވުރެ ގިނަ ވެފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ