މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ވިދާޅުވެފައި ވަނީ މިއަދު 15:30 އިން ފެށިގެން މިރޭ 20:30 އާއި ހަމައަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.
މި ދުވަސް ވަރަކީ މުޅިރާއްޖެއަށްވެސް މޫސުން ގޯސް ދުވަސް ވަރެއްކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އެލާޓް ނެރެމުންނެވެ. އެގޮތުން މިއަދު ހެނދުނުވެސް ވަނީ ވ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.
މެޓް އޮފީހުން ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށެވެ.
Alert White issued for the area between Kaafu and Laamu Atoll. pic.twitter.com/fMCge58lga
— Maldives Meteorology (@MetMaldives) August 1, 2020
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެކަމަށާއި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 05 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.
ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.




