ފޮޓޯ: ސަން

ދުންފަތާ ދުރުހެލިވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަގުފަހިވީމަ ލިބޭ ހިތްހަމަޖެހުން ބޮޑު ވާނެ: މަހްލޫފް

ދުންފަތާ ދުރުހެލިވެ، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަގުފަހިވީމަ ލިބޭ ހިތްހަމަޖެހުން މާ ބޮޑު ވާނެކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

1 އޮގަސްޓުން ފެށިގެން ރާއްޖޭގައި ވިއްކާ ސިނގިރޭޓުގެ އަގު ބޮޑުކޮށްފައިވާއިރު، ބައެއް ވައްތަރުގެ ސިނގިރޭޓް ފޮއްޓެއްގެ އަގު 100 ރުފިޔާއަށް އަރައެވެ.

ސިނގިރޭޓަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ އިއްޔެެއިން ފެށިގެން ބޮޑުކޮށްފައިވާއިރު، ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 25 ޕަސަންޓެވެ. އަދި ސިނގިރޭޓާއި ބިޑި ފިޔަވައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުން ޑިއުޓީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 200 ޕަސެންޓެވެ.

މިކަމާއި ގުޅިގެން މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސިނގިރޭޓަށް ކުރަންޖެހޭ ހޭދަ މިއަދު ބޮޑުވެގެން ހިތްހަމަ ނުޖެހިދާނެ ކަމަށާއި ނަމަވެސް މާދަމާ ތިމާ ދުންފަތާ ދުރުހެލިވެ، ސިނގިރޭޓަށް ހޭދަކުރާ އެތައް ހާސް ރުފިޔާއެއް ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މަގުފަހުވުމުން ލިބޭ ހިތްހަމަޖެހުން މާ ބޮޑުވާނެކަމަށް މަހްލޫފް ވިދާޅުވިއެވެ.

މީގެކުރިން އޮންނަ ގޮތަކުން ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަނީ ދެ ރުފިޔާއެވެ. ނަމަވެސް މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ވަނީ ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިއައި ބަދަލާއެކު ސިނގިރޭޓް ވިއްކާ އަގުތައް ބޮޑުވެފައިވާއިރު، އާންމުކޮށް ދިވެހިން ބޭނުންކުރާ ކެމެލް ބްރޭންޑްގެ ސިނގިރޭޓް ފޮއްޓެއް މިހާރު ލިބެނީ 95 ރުފިޔާއަށެވެ. އަދި ބައެއް ފިހާރަތަކުން ލިބެނީ 100 ރުފިޔާއަށެވެ. އެންމެ އަގުހެޔޮ ވައްތަރުގެ ސިނގިރޭޓު ފޮއްޓެއް ވެސް ދެން ލިބޭނީ 85 ރުފިޔާއަށެވެ.

ރާއްޖެޓީވީގެ ‘ފަލަސުރުހީ’ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑެޕިއުޓީ ސެކްޝަން ހެޑް އޮފް ޓެރިފް އެންޑް ސްޓެޓިސްޓިކްސް އަލީ ޒުބައިރު ވިދާޅުވީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ ތިންބައިކުޅަ އެއްބައި އާމްދަނީ އަކީ ސިނގިރޭޓުން ލިބޭ ޑިއުޓީ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އިމްޕޯޓު ޑިއުޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރެއިން އެއް ބިލިއަން ރުފިޔާ ލިބިފައިވަނީ ސިނގިރޭޓުން ނެގޭ ޑިއުޓީން ކަމަށް ޒުބައިރު ވަނީ ފާހަގަ ކުރައްވާފައެވެ.

ރާއްޖެއަށް އަހަރެއްގެ މައްޗަށް 500 މިލިއަނާ ގާތްކުރާ އަދަދަކަށް ސިނގިރޭޓް އިމްޕޯޓް ކުރާ އިރު 125 މިލިއަން ބިޑި އެތެރެ ކުރެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ