އަޙްމަދު އަދީބު ޢަބްދުލްޣަފޫރު - ފޮޓޯ: މިހާރު

ފިނިފެންމާ މައްސަލައިގައި އަދީބަށް އިއްވާފައި ޖަލު ޙުކުމް ބާތިލްކޮށްފި

ރައީސް ޔާމީން ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލްކޮށްފިއެވެ.

އެ މައްސަލައިގައި އަދީބުގެ މަށްޗަށް އިއްވާފައިވާ ހުކުމް ބާޠިލްކޮށް ހައިކޯޓުން އަމުރުކޮށްފައިވަނީ އެ މައްސަލަ އަލުން ބެލުމަށެވެ.

އަދީބަށް އިއްވާފްއިވާ 15 އަހަރުގެ ޖަލު ހުކުމުގެ އިތުރުން އެ މައްސަލާގައި އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް އިއްވި ޖަލު ހުކުމް ވެސް މިއަދު ވަނީ ހައިކޯޓުން ބާތިލް ކޮށްފައެވެ.

ހައިކޯޓުން މިއަދު އިއްވި ޙުކުމުގައި ވިދާޅުވެފައިވަނީ، އަދީބާއި ގުޅޭ ގޮތުން ނިންމުން ބިނާވެފައިވާ ޙުކުމުގެ ބައި ބާޠިލުކޮށް، އެބަޔަކީ ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އަލުން ބަލައި ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ބަޔަކަށް ވާތީ، އެ ބަޔާމެދު ޤާނޫނީ އަދި ޝަރުޢީ ހަމަތަކުގެ މަތިން އަލުން ގޮތް ކަނޑައެޅުމަށްޓަކައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން މިބައި ކްރިމިނަލް ކޯޓަށް ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅާ ކަމަށެވެ.

އަދީބު 15 ދުވަހަށް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާފަދަ ރިމާންޑް ޖަލެއްގައި ބަންދުކުރުމަށާއި މި 15 ދުވަހުގެ ތެރޭގައި އަދީބުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ކްރިމިނަލް ކޯޓުގައި މިދަޢުވާ ބަލާ ޤާޒީއަށް ހުށަހެޅުމަށާއި އަދި ބަންދާމެދު އެމުއްދަތުގައި ގޮތެއް ކަނޑައެޅުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، ކަމާބެހޭ ފަރާތްތަކަށް އަމުރުކޮށް، އެގޮތުގެ މަތިން ޙުކުމް ކުރާ ކަމަށް ވެސް ޙުކުމުގައި ވިދާޅުވެފައި ވެއެވެ.

ހައިކޯޓުގެ ޙުކުމުގައި ވިދާޅުވީ ސުޕްރީމް ކޯޓުން 2018 ވަނަ އަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހު ނެރުނު އަމުރު އެކީގައި ބާޠިލުކޮށްފައި ނެތްކަމާއި، އެއަމުރުގައި ހިމެނިފައިވާ ބައިތަކުގެ ތެރެއިން ބާޠިލު ކޮށްފައިވަނީ، އެއަމުރުގެ 5 ވަނަ ނަންބަރުގައި ބަޔާން ކުރެވިފައިވާ ފަރާތްތަކާބެހޭ މައްސަލަތައް އަލުން ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެފަރާތްތައް ވަގުތުން ދޫކޮށް މިނިވަންކުރުމަށް ކަނޑައަޅާފައިވާ ބައި އެކަނިކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުގެ 05 ވަނަ ނަންބަރުން ބާޠިލުކުރި ބައި ފިޔަވައި ދެން އެނަންބަރުގައި ހުރި ބައިތަކުގެ ޞައްޙަކަން އެގޮތުގައި ދެމިގެންދާނެ ކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ވަކި ވަކި ޤަޟިއްޔާތަކަށް ޙަވާލާދިނުމުގެ ބަދަލުގައި، މައިގަޑު ގޮތެއްގައި ޙަވާދެއްވާފައިވަނީ ޓެރަރިޒަމްގެ ދަޢުވާ ރައްދުވި ފަރާތްތަކެއްގެ ނަން ކަމާއި މިގޮތުން އަދީބުގެ ނަން މިއަމުރުގައި ހިމެނިފައިވާއިރު، އަދީބުގެ މައްޗަށް އުފުލިފައިވާ ޓެރަރިޒަމްގެ މިދަޢުވާ އާ ގުޅިގެން ހިންގާފައިވާ ޝަރީޢަތަކީ ދަޢުވާ އުފުލާ ފަރާތަށާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ޝަރީޢަތެއް ކަމަށް ވުމުގެ އިޙުތިމާލު އޮތްކަމަށް ހައިކޯޓުގެ ޙުކުމުގައި ވެއެވެ.

އަދީބުގެ މައްޗަށް އެހެނިހެން މައްސަލަތަކުގައި އެކިވަރުގެ ޖަލު ހުކުމްތައް އިއްވާފައިވާތީ، މި މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް އަދީބު މުޅިން މިނިވަން ނުވާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ