މާލޭގައި ކުރިޔަށްދިޔަ ކޮވިޑް-19 ޑްރިލްއެއް | ފޮޓޯ: ޕީއެސްއެމް

ހެޔޮނުވާނެ، ދަރިންގެ ކުރިމަގަށްޓަކާ އަޅުގަނޑުމެން ކުޑަ ހިތްވަރެއް ކޮށްލަމާ ހިނގާ!

ނުރައްކާތެރި ބަލި މަޑުކަމެއް އައިސް މުޅި ދުނިޔެ މިވަނީ ވަށާލައިފައެވެ.

މި ނުރައްކާތެރިކަމުގެ އަސަރެއް ނުކުރާ ޤައުމެއް ބިމެއް ދުނިޔޭގައި ނުވެއެވެ. މިފަދަ ބޮޑު ބިރުވެރިކަމެއްގައި މުޅި ދުނިޔެ ބަންދުވެ ދަތުރު ފަރުތު ކުރުމަށްވެސް މި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހި ރާއްޖެވެސް މި ވަނީ މި ބަލިމަޑުކަމާއި ކުރިމަތިލާން ޖެހިފައެވެ. މި ކަމުގެ ތެރޭގައި ދިރިއުޅެން ޖެހިފައެވެ. ކުޑައާބާދީއެއް އޮތް ނަމަވެސް މި ބަލި މަޑުކަމުގެ ނުރައްކާ އެންމެ ބޮޑަށް ފެތުރިފައިވާ ވެރިރަށް މާލެއަކީ ތޮއްޖެހިފައިވާ ތަނެކެވެ. އެހެން ކަމުން މާލެއިން މި ބަލި ފެނުނު އިރުވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ.

ބަލި ކޮންޓްރޯލް ކުރުމަށް ޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ. މި ފިޔަވަޅު ތަކުގައި އެތައް ދުވަހެއް ދިވެހިން ވޭތު ކުރުމަށްފަހު ސަރުކާރުން ވަނީ މި ފިޔަވަޅު ތަކަށް ބޮޑެތި ލުއިތަކެއް ދީފައެވެ. ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް ދަށް ވަމުން ދިއުމާއި ގުޅިގެންނެވެ.

ނަމަވެސް ސަރުކާރުން ދިން ލުޔާއެކު ރާއްޖޭގައި ކޮވިޑް އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު އަނެއްކާވެސް މި ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން އިއްޔެވެސް ވަނީ 156 މީހަކު އަލަށް މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މިއާއެކު ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވެސް މިވަނީ ހަތަރުހާހާއި ގާތްކޮށްފައެވެ. މި ބަލީގައި މިހާތަނަށް 17 މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެއަށް މި ބަލީގެ ނުރައްކާ އަދިވެސް ވަރަށް ބޮޑަށް އެބައޮތްކަމަށް ޑޮކްޓަރުން ވަނީ އިންޒާރު ދެއްވާފައެވެ. އެގޮތުން ޑރ. ޝީނާ މޫސާ ވިދާޅުވެފައިވާ ގޮތުގައި މި އޮގަސްޓް މަސްތެރޭގައި 2300 މީހަކަށް ރާއްޖޭގައި މި ބަލި ޖެހިދާނެއެވެ. އަދި އޭގެ ތެރެއިން 475 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހިދާނެކަމަށްވެސް ޑރ. ޝީނާ ވަނީ ލަފާކޮށްފައެވެ.

އެހެން ކަމުން މި ބައްޔާމެދު ދިވެހިން މިވަނީ އިތުރަށް ރައްކާތެރިވާންޖެހިފައެވެ. ހަސޭހައިން ފެތުރޭ މި ބަލި މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުން ވެސް ދަނީ ފެންނަމުންނެވެ. އެގޮތުން ދާދި ފަހުންވެސް ހއ. ކެލާއިން ގިނަ ބަޔަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ކުރުމުގައި ޞިއްޙީ މާހިރުން ދެއްވާ އިރުޝަދުތަކަށް ފުރިހަމައަށް ތަބާވާން އެބަޖެހެއެވެ. ގައިދުރުކަމާއި، ގިނަ ގިނައިން އޮތް ދޮވުމާއި، މާސްކް ބޭނުން ކުރުން ފަދަ އާންމު ޞިއްޙީ މިންގަނޑުތަކަށްވެސް އަމަލު ކުރަން އެބަޖެހެއެވެ. މި ފަދަ ނުރައްކާތެރިކަމަކުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ތުއްތު ދަރީން ސަލާމަތް ކުރެވޭނީ އެންމެގެ އެއްބާރު ލުމާއި އެހީތެރިކަން މި ކަމުގައި ލިބިގެންނެވެ. ބަލި ކޮންޓްރޯލް ނުވެ މި ބަލީގައި ގިނަ ބައެއްގެ ފުރާނަ ދިއުމަކީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ދިވެއްސަކު ބޭނުންވާނެ ގޮތެއް ނޫންކަން ޔަގީނެވެ.

އެހެން ކަމުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީންގެ ކުރިމަގަށްޓަކާވެސް މިކަމުގައި އެންމެގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ