އިންޑިއާގެ ހޯމް މިނިސްޓަރ ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ދުނިޔޭގައި ބާރުކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް އިންޑިއާގެ ހޯމް މިނިސްޓަރ އަމިތް ޝާހް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

އުމުރުން 55 އަހަރުގެ އަމިތް ޝާހް، އެޑްމިޓްކޮށްފައިވަނީ ހަރިޔާނާގެ ގުރްގާއުންގެ މެދަންތާ ހޮސްޕިޓަލްގައެވެ.

އަމިތް ޝާހް ވަނީ އޭނާ ކޮވިޑް-19އަށް ޕޮޒިޓިވްވިކަން ހާމަކުރައްވައި ޓުވީޓްވެސްކުރައްވާފައެވެ. އަދި އޭނާގެ ޓުވީޓްގައި ބުނެފައިވަނީ އޭނާގެ ކިބައިން ބަލީގެ އަލާމަތްތައް މީގެ 2 ދުވަސްކުރިން ފެނުމުން އެބައްޔަށް ޓެސްޓްކުރެއްވިކަމަށެވެ. އޭނާގެ ސިއްޙީ ހާލުކޮޅު އަދި ރަނގަޅުކަމަށާއި، އެޑްމިޓްވާން ނިންމީ އޭނާގެ އުމުރުގެ ސަބަބުން އިތުރު އުނދަގޫތަކެއް ކުރިމަތިވެދާނެކަމަށް ބައްލަވައި ޑޮކްޓަރުންގެ ޓީމުގެ އިރުޝާދާއެކު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަމިތް ޝާހް ވެގެން ގޮސްފައި މިވަނީ މިހާތަނަށް އިންޑިއާއިން މި ބައްޔަށް ޕޮޒިޓިވްވި އެންމެ އިސްމަޤާމުގެ ބޭފުޅާއަށެވެ.

އިންޑިއާއަކީ މިހާރު ދުނިޔޭގައިވެސް މި ބަލި އެންމެ ބާރަށް ފެތުރެމުންދާ އެއް ޤައުމެވެ. އެގޮތުން މިހާތަނަށް އައިރު އެޤައުމުގެ 1,780,268 ވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި މިބަލީގައި އެޤައުމުން 37,690 މީހުން މަރުވެފައިވާއިރު، 577,136 މީހުން މިހާރުވެސް ދަނީ ބައްޔައް ފަރުވާ ހޯދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ