ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވާލާފައިވާ އުސޫލުތަކާއި ހިލާފަށް ހުރި 22 ތަނެއް ބަންދުކޮށްފިއެވެ.
އެޗްޕީއޭ އިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރޭ 135 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާއި އެތަނުން އުސޫލުތާއި ހިލާފަށް ހުރި 22 ތަނެއް ބަންދު ކޮށްފައިވާކަމަށެވެ.
އެޗްޕީއޭއިން ބަންދު ކޮށްފައިވަނީ 4 ސެލޫންއާއި 9 ފިހާރައަކާއި 7 ރެސްޓޯރެންޓާއި 1 މާކެޓް އަދި 1 ސްޕާއެވެ.
އެޗްޕީއޭ އިން 28 ޖުލައި 2020 ގައި ނެރިފައިވާ އިއުލާނުގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން އައު ޢާއްމު ޙާލަތަށް ރުޖޫޢަވުމަށްޓަކައި ޢާއްމު ޚިދުމަތްދޭ ތަންތަނުގައި ރައްކާތެރިކަމާއެކު ޚިދުމަތްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަކީ މިބަލި ފެތުރުން މަދުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ.
އަދި މިގޮތުން މިފަދަ ތަންތަނުން ޢާއްމުފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭންވާނީ، ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން ޢާއްމުކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށް އެޗްޕީއޭ އިން ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައި ވެއެވެ.




