ވަޒީފާ އަށް އަސަރުކުރި 8488 މީހަކަށް 35.1 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޭން ވައުދުވި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 8488 މީހަކަށް މިހާތަނަށް 35.1 މިލިއަށް ރުފިޔާގެ އެހީ ފޯރުކޮށްދެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ.
އިއްޔެ އާއި ހަމަޔަށް 8488 މީހަކަށް މިހާތަނަށް 35.1 މިލިއަށް ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާކަމަށް މިނިސްޓްރީގެ ވެބްސައިޓުން ދައްކާއިރު ކޮވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ މީހުންނަށް ފްރަންޓްލައިން އެލަވަންސްގެ ނަމުގައިވެސް ވަނީ އެލަވަންސް އެއް ދޭން ފަށައިފައެވެ.
އިންކަމް ސަޕޯޓު އެލަވަންސް ލިބޭނީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާ ދިވެހި ރައްޔިތުންނަށެވެ. އެގޮތުން އާމްދަނީ އަށް އަސަރު ކުރާ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާ އިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން) ނެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދެމުން ގެންދަނީ އެންސްޕާ މެދުވެރިކޮށެވެ. އެގޮތުން މެއި 20 ވަނަ ދުވަހުން ފެށިގެން މި އެލަވަންސް އަންނަނީ ދެމުންނެވެ.




