ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ އަބްދުލްމުހީތު (ބޮބީ) މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލާގައި ކުށް ސާބިތުވެފައި ވަނީ ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫންގެ މައްޗަށެވެ.
ފެބްރުއަރީ، 2012 ގައި ފިނޭންސް މިނިސްޓްރީ ކުރިމަތީގައި ތޫނު އެއްޗެހިން ހަމަލާދީ މުހީތު މަރާލި މައްސަލައިގައި ދައުލަތުން ވަނީ ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ. އެއީ ސ. މަރަދޫ ސަލްޓަންވިލާ އަލީ މުޝައްފާއު އާއި ޅ. ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ އިތުރުން ގދ. ގައްދޫ އަބްލަޣީގޭ މުހުޖަތު އަހުމަދު ނާސިހެވެ.
މުހީތުގެ މަރުގެ މައްސަލާގައި ތިން ކުޑަ ކުއްޖަކާ ދެކޮޅަށް ޖުވެނައިލް ކޯޓުގައި ވެސް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށް ޖުވެނައިލް ކޯޓުން މަރުގެ ހުކުމް އިއްވިއެވެ. އަނެއް ކުއްޖާ ސަލާމަތްވިއެވެ. މަރުގެ ހުކުމް އިއްވި ދެ މީހުންގެ ހުކުމަށް ހައިކޯޓުން ވެސް ތާއިދުކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.