ގދ.ތިނަދޫގައި އުމުރުން ނުވަ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި މީހަކު ހައްޔަރު ކުރިކަން ޔަޤީންކޮށްދިން ނަމަވެސް އެމީހާ ހައްޔަރުކުރީ ކޮން ތަނަކުންކަން ފުލުހުން ހާމައެއް ނުކުރައްވައެވެ.
"ޖިންސީ ގޯނާގެ މައްސަލައްގައި 71 އަހަރުގެ ފިރިހެނެއް ހައްޔަރުކުރެވިފައިވޭ، މައްސަލައިގެ ބާވަތުން ހައްޔަރު ކުރިތަން ހާމަކުރެވޭކަށް ނެތް." ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައިގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކުރިކަމަށް ފުލުހުން ވިދާޅުވިއިރު، މި މައްސަލައިގައި މީގެ ކުރިންވެސް ގިނަ ބަޔަކު ދިޔައީ އުމުރުން ދުވަސްވީ ފިރިހެނަކަށް ތުހުމަތު ކުރަމުންނެވެ. އަދި މިމަހުގެ 10 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އެމީހާ ހައްޔަރުކުރުން ލަސްވެފައިވާތީ އެކަމާ ގިނަ ބަޔަކު ފާޑުވެސް ކިޔެވެ.
މި މީހާ ހައްޔަރުކުރިއިރު، ކުޑަކުދިންނަށް ގޯނާކުރާ މައްސަލަތައް އަވަސް ކުރުމަށް ޖެންޑަރ މިނިސްޓަރ ސިދާތާ ޝަރީފް ވަނީ މި ހަފްތާގެ ތެރޭގައި ފުލުހުންނާވެސް މައްދަލުކުރައްވާފައެވެ.
“ފެށުމަށް” ޔަޤީންކުރެވިފައިވާ ގޮތުގައި ތިނަދޫގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ ގްރޭޑް 3 ގައި ތަޢުލީމު ހާސިލުކުރަމުންދިޔަ ތުއްތު އަންހެން ކުއްޖެކެވެ. އަދި މި ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ކުއްޖާގެ މަންމަގެ އުމުރުން ދުވަސްވީ ލޯބިވެރިޔާ ކަމަށްވެސް އެނގިފައިވެއެވެ.
ކުޑަ ކުދިންނާ މެދުގައި އިހުމާލުވުމާއި، ޖިންސީ އަދި ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތައް ރާއްޖޭގައި ދަނީ އިތުރުވަމުންނެވެ.