ލެބަނާނުގައި ގޮވި ގޮވުންތަކުގައި 78 މީހުން މަރުވެ 4000 މީހުން ޒަހަމްވެއްޖެ

ލެބަނާނުގެ ވެރިރަށް ބެއިރޫތުގެ ބަނދަރުމަތީ ސަރަހައްދެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވައި 78 މީހުން މަރުވެ އެތައް ހާސް ބަޔަކަށް ޒަހަމްވެއްޖެ އެވެ.

ލެބަނާނުގެ ސިއްހަތާބެހޭ ވަޒީރު ވިދާޅުވެފައިވަނީ މި ގޮވުންތަކުގައި އެންމެ މަދުވެގެން، މިހާތަނަށް 78 މީހުން މަރުވެފައިވާ ކަމަށާއި 4000 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ މީހުން ހޯދުމުގެ މަސްއްކަތް މިހާރު ކުރިއަށް ދާ ކަމަށާއި އެހެންކަމުން މި އަދަދުތައް އިތުރުވަމުން ދާނެ ކަމުގައި ސިއްހަތާބެހޭ ވަޒީރު ވިދާޅުވިއެވެ.

މި ގޮވުންތަކުގައި ކަތައިބް ޕޮލިޓިކަލް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނިޒާރް ނަޖަރިއަން ވަނީ މަރުވެފައި ކަމަށާއި އަދި ސަރުކާރުގެ އިލެކްޓްރިސިޓީ ކޮމްޕެނީގެ ޗެއަރމަން ކަމާލް ހަޔެކ އަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައިކަމަށް ނިއުސް އެޖެންސީތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ލެބަނާނުގެ ހޮސްޕިޓަލްތައް މި ގޮވުމާއި އެކު ފުރިފައިވުމުން ޒަހަމްވެފައިވާ މީހުން އެހެން ސިޓީ ތަކުގެ ހޮސްޕިޓަލްތަކަށް ވަނީ ގެންގޮސްފައެވެ.

ސިއްހަތާބެހޭ ވަޒީރު ވިދާލުވެފައިވަނީ އެ މިނިސްޓްރީން މި ގޮވުންތަކުގައި ޒަހަމް ވެފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ހުރިހާ ހަރަދެއް ދޭނެކަމަށެވެ. އަދި ޕްރައިމް މިނިސްޓަރ ވަނީ މިއަދަކީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް ކަމުގައި ބުނެފައެވެ.

ލެބަނާނުގެ އިސް ބައެއް އޮފިޝަލުން ވިދާޅުވެފައިވަނީ މި ގޮވުންތައް ގޮވަން ދިމާވެފައިވަނީ މީގެ އަހަރުތަކެއް ކުރިން ލެބަނާނުގެ ސަރުކާރުން ގޮވާ ތަކެތި އެ ސަރަހައްދުގައި ރައްކާ ކޮށްފައި ވުމުން ކަމުގައި ވިދާޅުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ