ޖޭއެސްސީ އަކީ ދިވެެހިރާއްޖޭގައި އޮތް އެންމެ ސިޔާސީ މުއައްސަސާ ކަމަށް ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ "ކޯޓުތަކުގެ ނިންމުންތަކަށް ވަދެ، ޖޭއެސްސީ އިމުން ބޭރުވަނީތަ؟" މި ސުރުހީގެ ދަށުން މިހާރު އޮންލައިންގައި ލިޔެފައިވާ ރިޕޯޓެއް ޓްވީޓް ކުރަައްވަމުން ނެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އަލީ ހުސައިން އިތުރަށް ވިދާޅުވީ ޖޭއެސްސީއަކީ ސިޔާސީ ކަށި އޮއިވަރު ދެމޭ، ސިޔާސީ ނުފޫޒު އިންތިހާޔަށް އެގޮތް މިގޮތަށް ހިންގޭގޮތަށް އެކަށަ އެޅިފައިވާ ތަނެއް ކަމަށެވެ.
ޖޭ. އެސް. ސީ އަކީ ދިވެެހިރާއްޖޭގައި އޮތް އެންމެސިޔާސީ މުއައްސަސާ. އެއީ ސިޔާސީ ކަށި އޮއިވަރު ދެމޭ ސިޔާސީ ނުފޫޒު އިންތިހާޔަށް އެގޮތް މިގޮތަށް ހިންގޭގޮތަށް އެކަށަ އެޅިފައިވާ ތަނެއް. https://t.co/ldncSfPOuR
— Ali Hussain (@AleeVoice) August 5, 2020
އަލީ ހުސައިން އަކީ ރައީސް ޔާމީންގެ ސަރުކާރުގެ ބޭއިންސާފުގެ ވާހަކަވެސް އޭރެ އެންމެ ގަދަޔަށް ދެއްކެވި މެންބަރުން ތެރޭ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އަދި ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލު ކުރައްވާފައިވާ ޤާނޫނީ ވަކީލެއްވެސްމެ އެވެ.
ޖޭއެސްސީގެ ރައީސް ޙިސާން ޙުސައިން އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާފައިވާ މެންބަރެވެ. ޙިސާން އަކީ ތުޅާދޫ ދާއިރާގެ މެންބަރެވެ. ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ޙުސްނިއަކީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ މެންބަރެވެ. މަސްތޫރު ޖޭއެސްސީގެ ނައިބު ރައީސްކަމަށް އައިސްފައިވަނީ އެ މަޤާމްގައި ހުންނެވި މެންބަރު އިބްރާހީމް ރިޒާ އިތުބާރުނެތްކަމުގެ ވޯޓެއްނަގައި މަޖިލީހުން އޭނާ އެކޮމިޝަނުން ވަކިކުރުމުންނެވެ.
އިބްރާޙީމް ރިފްޢަތު އަކީ ބަންޑާރަ ނައިބުގެ މަޤާމް ފުރުއްވަމުންއަންނަ ބޭފުޅާ ކަމުން މި ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ރިފްޢަތު ވަނީ ހިމެނިފައެވެ. ދެން ޖޭއެސްސީގައި ހިމެނެނީ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އާއި، ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރު ޢަލީ ސަމީރު އާއި، ދަށުކޯޓްތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓްތަކުން އިންތިހާބުކޮށްފައިވާ ފަނޑިޔާރު ޢަލީ ޝަރީފް އާއި، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލްކަންކުރުމުގެ ހުއްދަލިބިފައިވާ ވަކީލުންގެތެރެއިން އެބައިމީހުން އިންތިޚާބުކުރެއްވި ޤާނޫނީ ވަކީލު ޢަބްދުލްމާނިޢު ޙުސައިން އާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅުއްވާ މެމްބަރެކެވެ.



