ހދ. މަކުނުދޫވެސް މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ މަކުނުދޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަން އަންގާފައެވެ. އެގޮތުން އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ 05 އޯގަސްޓް 2020 ވަނަ ދުވަހުގެ 16:56 އިން ފެށިގެން މަކުނުދޫ މޮނިޓަރިންގެ ހާލަތުން ނަގާފައިވާކަމަށެވެ. އަދި މޮނިިޓަރިންގެ ހާލަތާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައްވެސް އެވަގުތުންފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމުގައި އެޗްޕީއޭ އިން ވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަނޑައެޅުނު ކަންކަން ބެލުމުން، މަކުނުދޫގެ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ.
މަކުނުދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ 03 އޯގަސްޓް 2020 ވަނަ ދުވަހު 15:35 ގައެވެ. އެރަށް މޮނިޓަރިން އަށް ގެންގޮސްފައިވަނީ ހއ. އިހަވަންދޫ ތަޙުތު ބޯޓުގެ ފަޅުވެރިއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
މަކުނުދޫގެ އިތުރުންވެސް މި ބޯޓު ޖެއްސި އެހެން ރަށްރަށްވެސް މޮނިޓަރިންއަށް ލާފައިވެއެވެ. ނަމަވެސް އިހަވަންދޫ ފިޔަވައި މި ބޯޓު ޖެއްސި އެހެން ރަށްރަށް މިހާރު ވަނީ މޮނިޓަރިން އިން ނަގާފައެވެ.




