ޞިއްޙީ ނިޒާމް އޮތީ ބޮއްސުންލާފައި ކަމަށް މެޑިކަލް ކައުންސިލް އިން ވިދާޅުވެއްޖެ އެވެ.
މިިހާރު ކުރިއަށްދާ އިޖްތިމާއީ ކޮމެޓީގެ ބައްދަލުވުމުގައި މެޑިކަލް ކައުންސިލްގެ ފަރާތުން ވާހަކަ ދައްކަވަމުން ހަފީޒާ އަލީ ވިދާލުވީ ރާއްޖޭގެ ޞިއްޙީ ނިޒާމް އޮތީ ބޮއްސުންލާފައި ކަމަށެވެ.
އެގޮތުން ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ ބަލިތަކަށް ފަރުވާ ކުރުމުގައި ޕްރެކްޓިސް ކުރާނެ ނޭޓަނަލް ގައިޑްލައިންއަށް އެއްވެސް ވަރަކަށް މިހާރު އަމަލު ނުކުރާކަމަށާއި، ގައިޑް ލައިން އެއް ނެތުމުން ހޮސްޕިޓަލްތަކުގައި ބޭސްކުރުމުގައި ކުރަނީ އެކި ގޮތްގޮތައް ކަމަށެވެ.
" އަޅުގަނޑަށް ފެންނަ ގޮތަކަށް އަޅުގަނޑު ކަންތައް ކުރަންވީ އެހެން މީހަކަށް ފެންނަ ގޮތަކަށް އެހެން މީހަކު ކުރަންވީ. އެކަހަލަ ގޮތަކަށް ކަންތައްތައް މިހުރީ" ހަފީޒާ ވިދާޅުވިއެވެ.
އަދި މުވައްޒަފަކު ވައްދައިފިއްޔާ އެމީހަކު ކަމުނުދާ މީހަކަށް ވިއްޔާ އެއްވެސް އުސޫލެއްގެ ދަށުން ނޫނަސް ކަނޑާލާކަމަށާއި ބިދޭސީން ވަޒީފާ އަށް ނެގުމުގައި ރަނގަޅު ގައިޑްލައިން އެއް ނެތް ކަމަށާއި ހޮސްޕިޓަލް ތަކަށް ދިވެހި މުވައްޒަފުންނަށް ވަޒީފާ ނުދީ ބިދޭސީނަށް ވަޒީފާ ދޭކަމަށް ވިދާޅުވިއެވެ.
މިވަގުތު ބައެއް މުހިންމު މަގާމުތައް ހުސްކޮށް ހުރި ކަމަށާއި އެގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސް، ޑިރެކްޓަރ ޖެނެރަލް އޮފް ފޫޑް އެންޑް ޑްރަގް އޮތޯރިޓީ، ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ބްލަޑް ސާވިސް އަދި ކޮމިޝަނަރ އޮފް ކްއަލިޓީ އެޝުއަރެނސް ގެ މަގާމް ވިވަގުތު ހުރީ ހުސްކޮށް ކަމަށް ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީގެ އެގްޒެކިއުޓިވް ލެވެލް ބައްދަލުވުންތައް ނުބާއްވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ހެލްތް މިނިސްޓްރީގެ ޕޮލިޓިކަލް ލީޑާސްގެ ބައްދަލުވުންތައް 2 މަހުން އެއް މަހު ވެސް ނުބޭއްވޭކަމަށް ހަފީޒާ ވިދާޅުވިއެވެ. އަދި ޕްރޮކިއުމެންޓްގަ ޓްރާންސްޕޭރެންސީ އެއް ނެތް ކަމަށާއި މަހަކު 1 ފަހަރުހެން ޓެންޑާ ބޯރްޑް ބަދަލު ކުރާ ކަމަށް ވިދާޅުވިއެވެ.
މުވައްޒަފުންނަށް އެކަށީގެންވާ މިނަވަރަށް ގޮނޑި އާއި މޭޒު ނެތް ބައެއް ޑިޕާޓްމެންޓް ހުރި އިރު ބައެއް ތަންތަން މި ފެންނަނީ ގަނޑުވަރު ފެންވަރުގައި ކަމަށާއި އަލަށް އަންނަ މުވައްޒަފުންނަށް އިންޑަކްޝަން ޓްރެއިނިން ކުރިއަށް ނުގެންދާ ކަމަށް ވިދާޅުވިއެވެ.
އަދި ވެކްސިން ރޭޓް 98 ޕަސެންޓްއިން 74 ޕަސެންޓްއަށް ވެއްޓިފައިވާކަމަށާއި ކޮވިޑް-19 އާ ގުޅިގެން އެހެން ބަލިތަކަށް ފަރުވާ ނުދެވޭ ކަމަށް ހަފިޒާ ވިދާޅުވިއެވެ.




