މޫސުމީ ވިއްސާރައާއި ގުޅިގެން އިންޑިއާއިން 22 މީހުން މަރުވެއްޖެ

ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާއި ގުޅިގެން އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކެރެލާއިން 22 މީހުން މަރުވެއްޖެއެވެ.

ރޭކުރި ބޯ ވިއްސާރައިގައި މި ސްޓޭޓުގެ ބަޔެއް ޑިސްޓްރިކްޓް ތަކުގެ ގެތައްވަނި އެކީއެކަށް ހަލާކުވެގެން ގޮސްފައެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން މިހާރު އަންނަނީ ގެތަކުގެ ދަށުވެފައިވާ ފަރާތްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާދިސާގެ ސަބަބުން މަދުވެގެން 22 މީހުން މަރުވި ކަމަށް މިހާތަނަށް ރިޕޯޓްކޮށްފައިވާއިރު އިތުރު44 މީހަކު އަންނަނީ ވީނުވީ ތަނެއް ނޭންގި ގެއްލިފައެވެ.

އިންޑިއާގެ މޫސުމާއިބެހޭ މައި އިދާރާ، އިންޑިއާ މީޓްރިއޮލޮޖިކަލް ޑިޕާޓްމެންޓް (އައިއެމްޑީ) އިން ވަނީ މިސަރަހައްދަށް މިހާރު ރެޑް އެލާޓް ނެރެފައެވެ. އެ އެލާޓުގައި ލަފާކޮށްފައިވާ ގޮތުގައި ކެރެލާއަށް 20 ސެންޓިމީޓަރުގެ ވާރޭ ވެހޭނެއެވެ.

ބޯވިއްސާރައިގެ ސަބަބުން މި ސްޓޭޓުގެ ސައިފަތް ހައްދާ މީހުން އުޅޭ ސަރަހައްދެއްގެ ބިންގަނޑު ކަނޑައިގެން ގޮސް 20 ގެޔެއް އަޑިއަށް ގޮސްފައި ވެއެވެ. މައުލޫމާތު ލިބޭގޮތުގައި މި ގެތަކަކީ ސައިފަތް ދަނޑުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި އެފަރާތްތަކުގެ އާއިލާތަކުން ދިރިއުޅެމުންދާ ގެތަކެކެވެ.

އިންޑިއާގެ ދެކުނުގެ ސްޓޭޓުތަކަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރަ ސެޕްޓެމްބަރާއި ހަމައަށް ދިގުދެމިގެން ދާނެއެވެ. ކެރެލާގެ އިތުރުން ދެކުނުގެ އެހެން ސްޓޭޓެއް ކަމަށްވާ ކަރްނަޓަކާގައިވެސްވަނީ މޫސުމީ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ބިންގަޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ