ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓު ނެރެފި އެވެ.
ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ދެންމެ ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ ހއ އަތޮޅުން ފެށިގެން ދ އަތޮޅާއި ހަމަޔަށް މޫސުން ގޯސްވާނެ ކަމަށެވެ.
އެގޮތުން މި ހިސާބަށް އެލާޓުގެ ވަގުތުގައި ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް މެޓު އޮފީހުން ވަނީ ހާމަކޮށްފައެވެ. އަދި މި ސަރަޙައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
މެޓް އޮފީހުން މި ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން މިއަދު ހެނދުނު 11:00 އާއި ހަމައަށެވެ.
Alert White extended for the area between Haa Alifu Atoll to Dhaalu Atoll. pic.twitter.com/c7jpnCfLdI
— Maldives Meteorology (@MetMaldives) August 9, 2020
ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓު އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
ދެކުނުގެ އަތޮޅުތަކަށް، އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މެޓު އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. ރާޅުގެ އުސްމިން 3 - 6 ފޫޓާއި ދެމެދު ހުންނާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.
އާންމުކޮށް ހުރިހާ ފަރާތްތަކުން ޙާއްސަކޮށް ކަނޑު ދަތުރު ކުރާއްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.



